ޕާކިސްތާންގެ ބައްޓާގްރާމް އިން ކޭބަލް ކާރެއްގައި ސްކޫލަށް ދާން ދަތުރު ކުރަނިކޮށް 8 މީހުނާއެކު ވާގަނޑު ކަނޑައިގެން ގޮސް 900 ފޫޓު މަތީގައި އެލިފައި އޮންނަތާ 4 ގަޑިއިރުވެއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.
ދަތުރުފަތުރުގެ ދަތިކަމާހުރެ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ސްކޫލަށް ދިޔުމަށް ދުވާލަކު 150 އެއްހާ މީހުން ކޭބަލް ކާރުގެ ބޭނުން ކުރެއެވެ.
ބައްޓާގްރާމްގައި ހިނގި މިހާދިސާގައި 900 ފޫޓު މަތިން ދަތުރު ކުރި ކޭބަލް ކާރުގެ އެއް ވާ ކުއްލިއަކަށް ކަނޑައިގެން ދިޔައީ ކަމަށާއި، އެއާއެކު އެ ކާރު އެލިފައި އޮތް އިރު އޭގެ ތެރޭގައި ތިބި 8 މީހުންނާއެކު 6 ކުޑަކުދިންވެސް ތިބި ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެކާރިގައި އިން މީހަކު ޕާކިސްތާންގެ ޖިއޯ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެހީއަށް އެދި އާދޭސް ކުރަމުން ބުނީ، ހާދިސާ ހިނގި ފަހުން 4 ގަޑިއިރު ވެފައި ވާއިރު އަދި އެމީހުން ސަލާމަތް ކުރަން މީހަކު ނުވަތަ ބަޔަކު އައިސްފައި ނުވާ ކަމަށެވެ.
މިހާދިސާ އާ ގުޅިގެން ޕާކިސްތާންގެ ވަގުތީ ބޮޑުވަޒީރު މިހާރު ވަނީ، މީހުން ސަލާމަތް ކުރުމަށް ސަލާމަތީ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ. އަދި އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، މީހުން ސަލާމަތް ކުރުމުގައި ހަރްކާތްތެރިވާ ހެލިކޮޕްޓަރެއް މިހާރު ވަނީ އެ ކާރާ ހިސާބަށް ގޮސްފައި ކަމަށާއި ނަމަވެސް މީހުން ސަލާމަތް ކުރެވުނުކަން އަދި ސާފުނުވާކަން ބުނެފައެވެ.
ޕާކިސްތާންގެ 1122 ރެސްކިއު ސާވިސްގެ އޮފިޝަލް ޒުލްފިގާރު ހާން އާ ހަވާލާދީ މީޑިއާތަކުން ބުނީ، ކާރު އެލިފައި އޮތް ހިސާބަށް ދެވެން އޮތީ ހަމައެކަނި ހެލިކޮޕްޓަރުގައި ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ޖީއެމްޓީ ގަޑިން 2 ޖެހިއިރުއެވެ