ޕީރިއަޑް ކައިރިވުމުން އެނގޭ ތަ!
ދެންމެ | 27 މެއި 2022
ޕީރިއަޑް ނުވަތަ މަސްވަރުކަންތަކަކީ ސިއްހަތު ސަލާމަތުން ހުރި ކޮންމެ އަންހެނަކަށްވެސް ކޮންމެ މަހަކު އެއްފަހަރު ކުރިމަތިލާންޖެހޭ ކަމެކެވެ.
ޕީރިއަޑްގެ ދުވަސްވަރަކީ ގިނަ އަންހެނުންނަށް ވޭންހުރި ދުވަސްވަރަކަށްވީ ނަމަވެސް ބައެއް އަންހެނުންނަށް އެއީ އާދައިގެ ދުވަސްވަރެކެވެ. މިކަމުގައި އެކި އަންހެނުންގެ މުއްދަތު ތަފާތެވެ. ހަމައެހެންމެ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ މިންވަރުވެސް ތަފާތެވެ.

ބައެއް އަންހެނުންނަށް މިކަމާ ތައްޔާރުނުވެ ކުއްލިއަކަށް ކުރިމަތިލާންޖެހޭއިރު އަނެއްބައި އަންހެނުންނަށް މިކަމާ ކުރިމަތިލާން ޖެހެނީ އެތައް އުނދަގޫތަކާ ކުރިމަތިލުމަށްފަހުއެވެ. އާންމު ގޮތެއްގައި ޕީރިއަޑްވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އެކަމުގެ އަސަރުތައް ފެންނަން ފަށައެވެ.

ހަށިގަނޑަށް ތަފާތު ބަދަލުތަކެއް

ޕީރިއަޑް ދުވަސްތަކުގެ ކުރިން މޫނުގެ އެކި ހިސާބުތަކުގައި އޮށާޅަ ނުވަތަ ބިހި ނެގުމަކީ އާންމުކޮށް ކުރިމަތިވާ ކަމެކެވެ. މިއީ ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަންގަނޑުގަައި ތެޔޮ އުފައްދާ، ހަންގަނޑު ހިކުމުން ރައްކާތެރިކޮށްދޭ މާއްދާއެއް ކަމަށްވާ ”ސެބަމް“ ގިނަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ޕީރިއަޑްއާ ގުޅިގެން ނަގާ ބިހިތަކަށް ދެވިފައިވާ ނަމަކީ ”ސައިކްލިކަލް އެކްނޭ“ އެވެ. ޕީރިއަޑްވުމުގެ ތިން ހަތަރު ދުވަސް ކުރިން މޫނުގެ އެކި ހިސާބުތަކުގައި ބިހިތައް ނެގި ނަމަވެސް ޕީރިއަޑް ރަނގަޅުވުމުން ބިހިތައްވެސް ރަނގަޅުވެއެވެ. ޕީރިއަޑާ ގުޅިގެން އާންމުކޮށް ބިހި ނަގަނީ ދެކޮލުގައާއި ދަތްދޮޅީގެ ކައިރީގައެވެ.

ޕީރިއަޑްވުމުގެ ކުރިން އުރަމައްޗަށް ބަދަލު އައުމަކީވެސް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. އުރަމަތީގައި ރިއްސުމާއި ކުޑަ ބޮޑު މިނަށްވެސް ބަދަލުތައް އާދެއެވެ. ޕިރިއަޑްވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އާންމު ގޮތެއްގައި މި އުނދަގޫ ކުރިމަތިވާއިރު މި އުނދަގޫ ރަނގަޅުވަނީ ޕީރިއަޑް ދުވަސްވަރު ނުވަތަ ޕީރިއަޑްގެ ދުވސްތައް ފަހަނައަޅަައި ދިއުމަށްފަހުއެވެ. މިއީވެސް ހަށިގަނޑުގައި އުފެދޭ ހޯމޯން ކަމަށްވާ އެސްޓްރޮޖެންއާއި ޕްރޮޖެސްޓްރޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.

ނިދި އައިސް، ނިދަން ބޭނުންވި ނަމަވެސް ނުނިދުމަކީވެސް ގިނަ އަންހެނުންނަށް ޕީރިއަޑްވުމުގެ ކުރިން ކުރިމަތިވާ ކަމެކެވެ. ހޯމޯންއަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން މަތިކުރުވާއިރު ހާއްސަކޮށް ނިދާ ވަގުތު ފިނިހޫނުމިން މަތިވެއެވެ. މިކަމުގެ ސަބަބުން ހީކެރުވުމާއި ތުރުތުރު އެޅުމާއި ވަރުދޫވެ، ލޮޑުކަން އިހުސާސްކުރެވޭނެއެވެ. ހަށިގަނޑު ހޫނުވެ، ނިދަން އުނދަގޫވާއިރު އަރާމް ނިންޖަކަށްޓަކައި ހަށިގަނޑުގެ ފިނިހޫނުމިން މެދުމިނެއްގައި ހުރުން މުހިންމެވެ.

ބަނޑުހިކުމާއި ބަނޑު ދިޔާވުމަކީވެސް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް މިކަމުގައި އެކި އަންހެނުންނަށް ކުރިމަތިވަނީ އެކި ކަންތަކެވެ. އެއްބައި އަންހެނުންނަށް ބަނޑު ހިކުމުގެ އުނދަގޫ ކުރިމަތިކުރުވާއިރު އަނެއްބައި އަންހެނުން ތަހައްމަލުކުރަނީ އެކަމުގެ އިދިކޮޅެވެ. މިކަން ކުރިމަތިވަނީ ޕީރިއަޑްވާން ކައިރިވުމުން ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުންނެވެ. އަދި ސްޓްރެސްއާއި ޑިޕްރެޝަންއަކީވެސް ހަޖަމްކުރާ ނިޒާމާ ގުޅިފައިވާ ކަމެކެވެ.

ޕީރިއަޑްގެ ދުވަސްވަރު ސްޓްރެސްވުމަކީ އާންމު ކަމަކަށްވާއިރު މާބޮޑަށް ސްޓްރެސް ވާނަމަވެސް ހަޖަމުކުރާ ނިޒާމަށް ބަދަލުތައް އާދެއެވެ. ބަނޑު ހަރުވުމާއި ބަނޑުދިޔާވުމުގެ މައްސަލަ ކުރިމަތިކުރުވައެވެ. ދެތިން ދުވަހު މި ކަންތައް ކުރިމަތިވި ނަމަވެސް ޕީރިއަޑްގެ ދުވަސްވަރަށް ނިމުމުންވެސް މިކަމާ ކުރިމަތިލާންޖެހޭ ފަހަރު އާދެއެވެ.

ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިއްސުމަކީވެސް ފާހަގަކުރެވޭ، ޕީރިއަޑްވުމުގެ ކުރިން ގިނަ އަންހެނުންނަށް ދިމާާވާ އާންމު ކަމެކެވެ. ހާއްސަކޮށް އުނަގަނޑުގައާއި ބުރަކަށްޓާއި ހުޅުހުޅުގައި ރިއްސަނީ ހަށިގަނޑުގައި އުފައްދާ ގުދުރަތީ ކެމިކަލެއް ކަމަށްވާ ”ޕްރޮސްޓެގެލެންޑިން“ އަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އަދި ހަށިގަނޑުގައި އުފައްދާ އެސްޓްރޮޖެން ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮލުގައި ރިއްސުމަކީ ޕީރިއަޑްވުމުގެ ދެތިން ދުވަސް ކުރިން މަދުން ނަމަވެސް ދިމާވާ ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މައިގްރެއިން ހުންނަ ފަރާތެއް ނަމަ ޕީރިއަޑްވުމުގެ ކުރިން ބޮލުގައި ރިއްސުމަކީ އާންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް