އެމްޑީޕީއާއި ޕީޕިއެމްގެ ވެރިކަމެއްގައި ރަނގަޅު ކަމެއް ކޮށްފައި އޮތްނަމަ އެ ޕާޓީގެ 50 ޕަސެންޓް އެކަމުގައި ހިއްސާވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅު މިލަންދޫގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯދައިދީ ޕީޕީއެމަށް ވެސް ވެރިކަން ހޯދައިދިނީ ޖުމުހޫރީ ޕާޓީން ގިނަ މަސައްކަތްތައް ކޮށްގެން ކަަމަށެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކުން ކޮށްދިން ރަނގަޅު ހުރިހާ ކަމެއްގެ 50 ޕަސެންޓް ހިއްސާ ޖޭޕީ އަށް ލިބެންޖެހޭ ކަމަށް ބުނާތީ އެކަމާ ވަރަަށް ބޮޑަަށް ނުރުހޭ މީހުން އުޅޭ ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތް ކަމަަށް ގާސިމް ވިދާޅުވިއެވެ.
”އަަޅުގަނޑުމެންނަށް ހައްގެއް ނުވޭތޯ އެމްޑީޕީގެ ދެ ސަރުކާރުން ވެސް ރަނގަޅު ކަމެއް ކޮށްފައި އޮތިއްޔާ އަޅުގަނޑުމެންނަށް އޭގެ ދެބައިކޮށްފައި އެއްބައި ޕާޓީއަށް ހައްގުވާނެއޭ ބުނާކަށް، ކިތަންމެ ލަދުގަތަސް ހަގީގަތަކީ އެއީ ދެއްތޮ، ދެން ޕީޕިއެމުން ވެސް ރަނގަޅުކަމެއް ކޮށްފައި އޮތިއްޔާ އަޅުގަނޑުމެންނަށް އޭގެ ދެބައިކުޅަ އެއްބައި ޖުމުހޫރީ ޕާޓީއަށް ހައްގުވާނެއޭ ބުނުމަކީ އެއީ ހުތުރުކަމެއްތޯ؟ އަޅުގަނޑުމެން ހަމަ ގައިމު ވެސް އެކަން ނުކޮށްދިންނަމަ އެކަން ނުވާނެކަމުގެ ހެކިތާ އެއީ، އެހެންކަމަށް ވައްޏާ އަޅުގަނޑުމެންނަށް އެބަ ދޭންޖެހޭ ވެރިކަމަށް އާދެވުނީމަތާ އެކަން އެގޮތަށް ކުރެވުނީ،“ ޕީޕީއެމްއާއި އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ގެނައުމުގައި އިސް ދައުރެއްް އަދާކުރެއްވި ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ކުރީ ސަރުކާރުތަކުން ކުރި އެއްވެސް ގޯސްކަމެއްގައި ޖޭޕީ ހިމަނަން ނުޖެހޭ ކަމަށާއި ސަބަބަކީ އެޕާޓީގެ ރުހުން ހޯދައިގެން ކުރި ކަންތައްތަކަށް ނުވާތީ ކަމަށެވެ. ޤާސިމް ވިދާޅުވީ ސަރުކާރުތަކުން ޖޭޕީއާމެދު ހިތްހަމަނުޖެހެނީ ގާނޫނާއި ހިލާފަށް ކުރާ ކަންތައްތައް ހުއްޓާލުމަށް ގޮވާލައި ވާހަކަ ދައްކަވާތީ ކަމަށެވެ.
އެހެން ނަމަވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމެއް ކުރާ ނަމަ އެ ވާހަކަ ނުދައްކަވައި ނުހުންނަވާނެ ކަމަށާއި ހައްގު ބަސް ވިދާޅުވުމުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަަށް ޤާސިމް ވިދާޅުވިއެވެ.