ހަނިމާދޫ އެއަރޕޯޓް އިންޑިޔާ އަތުން އަތުލާނަން: ގާސިމް
ދެންމެ | 22 އޯގަސްޓް 2023

އިންޑިއާގެ އެހީގައި މިހާރު ތަރައްޤީކުރަމުންއަންނަ ހދ. ހަނިމާދޫ އެއަރޕޯޓު ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިންޑިއާއަތުން އަތުލާނެކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑެޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ހދ. ހިރިމަރަދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ހަނިމާދޫ އެއަރޕޯޓު އިންޑިއާއަށް ދީފައިވާގޮތާމެދު ގާސިމްވަނީ އެތައް ސުވާލެއް އުފައްދަވާފައެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަމާއި ހާރިޖީ ސިޔާސަތު މިހާރުއޮތްގޮތުގެ ނާޒުކުކަން ހާމަވާކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޤާސިމްވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭ ތިބުން ކުށްވެރިކޮށް އެކަން ނިންމާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކޮށް ބެލެހެއްޓުން ކަށަވަރުކުރާނެކަމަށާ، އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި އެގޮތަށް ޤާއިމުވެ ނުތިބެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި އޮންނަ އެއާޕޯޓެއްކަމުގައި ހަމަޖައްސަވާނެކަމަށާ، އެގޮތަށް ހަމަޖެއްސުމާއެކުގައި ބައިނަލްއަގްވާމީ ފްލައިޓްތައްވެސް އެތަނަށް ޖައްސާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް އެތަނުގައި ޤާއިމުވެ ނުތިބެވޭނެކަމަށް ތަކުރާރުކޮށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ މިސަރުކާރުން އިންޑިއާއާއެކު އާދަޔާ ޚިލާފު ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް އެޤައުމުން ލޯނުނަގައި ރާއްޖެ ދަރުވާލާފައިވާކަމަށް ވިދާޅުވެ ސަރުކަރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!