ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލަ އޭނާ އެކޮމެޓީއެއްގައި ހިމެނޭ ޖުޑިޝަލް ޝާރވިސް ކޮމިޝަނުގެ ތަހްގީގް ކޮމެޓީން ނިންމައި މައްސަލަ އާއި މެދު ގޮތެއް ނިންމުމަށް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ކުރީގެ ޕްރޮސްކިއުޓަރ ޖެނެރަލް އަދި ކުރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކޮށްފައިވާ މުހްތާޒް މުހުސިނުގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުން ހުށަހެޅި މިމައްސަލާގައި ބުނެފައި ވަނީ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާނިންމުމެއް ހަމަ އެޝަރީއަތުގެ ފަހު މަރުހަލާގައި އެހެން ގޮތަކަށް ނިންމުމުން އޭނާ ގާޒީ ކަމުގައި ބަހައްޓަން ނުވާފަދަ އަމަލެއް ހިންގާފައިވާކަން ސާފްކޮށް ސާބިތުވާ ކަމަށެވެ.
ޒުވާން ވިޔަފާރިވެރިޔާ އަދި ފަންބޮނޑި މޯލްޑިވެސްގެ މެނޭޖިންގ ޑިރެކްޓަރ މަސްއޫދަށް ހަމަލާދިން މައްސަލާގައި ސަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މައްސަލާގައި މެޖިސްޓްރޭޓް ހުކުމްކުރި ގޮތާއި މުޅިން ހިލާފަށް ފަަހު މަރުހަލާގައި ހުކުމްކޮށް، އޭނާ ވަނީ މައްސަލަ ނިންމާފަ އެވެ.
ޖޭއެސްސީގެ ތިން މެމްބަރުންގެ މައްޗައް އެކުލެވިގެންވާ ތަހްގީގް ކޮމެޓީގައި ހިމެނިވަޑައިގަންނަ ވަނީ މިމައްސަލާގައި އެ މެމްބަރަކާއި ދެކޮޅަށް މައްސަލަ ހުށަހެޅުނު މެޖިސްޓްރޭޓް އަލީ ޝަރީފާއި ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި ޖޭއެސްސި މެމްބަރު އަބުދުލް މާނިއު ހުސައިނެވެ.
ދިހަ މެމްބަރުންގެ މައްޗައް އެކުލެވޭ ޖުޑީޝަލް ޝާރވިސް ކޮމިޝަންގެ ދަށުކޯޓުތައް ތަމްސީލް ކުރާ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބްކޮށްފައިވާ މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލަ އެކޮމިޝަނަށް ހުށަހެޅި ތަހްގީގް ކުރެވެމުންދާ އިރު، މިމައްސަލާގައި ހުކުމް ކުރީންސުރެ އޭނާ ހުންނަނީ ޗުއްޓީގަ އެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީުގެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލަށް ޖޭއެސްސީން ފިޔަވަޅު އަޅާފައި ފަޑިޔާރުކަމުން ވަކިކޮށްފައި ވަނީ ހަމަ މިބާވަތުގެ މައްސަލައެއްގައި ޝަރީއަތުގެ ކުރީ މަރުހަލާއެއްގެ ނިންމުމެއް ޝަރީއަތުގެ ފަހު މަރުހަލާގައި ބަދަލުކޮށް ގެންނެވެ.
ޖޭއެސްސީން މިމައްސަލާގެ ހުކުމް ކުރި މެޖިސްޓްރޭޓް މައްސަލައިގެ ތަހްގީގް ނިންމާފައި ވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވެސް ވަނީ ދަށު ކޯޓު ހުކުމްގެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ވެސް ހުށަހަޅާފަ އެވެ.
މިމައްސަލާގައި މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން އުފުލާފައި ވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. މިކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދަށް ޖަލަށްލުމެވެ.