ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އިޞްލާޙްކުރެވޭނީ ހަރުކަށިވެގެންކަމަށެވެ. އެއީ ކުށްހީއެކެވެ. މިކިޔައިދެނީ އެކަން އެނގިގެންދާ ހާދިސާއެއްގެ ވާހަކައެވެ.
އަލަށް އިސްލާމްވެގެން ހުރި އަންހެނަކާއި ދުވަސްކޮޅެއް ކުރިން ބައްދަލުވިއެވެ. އޭނާ ގާތު އޭނާ އިސްލާމްވި ސަބަބު އަހައިލުމުން ކިޔައިދިނެވެ.
”މީގެ 12 އަހަރުކުރިން އަހަރެން އިނީ ބަނގުރާ ބޯށެވެ. އެތަނުގައި ތިބި ބައަކަށް އަހަރެންނާއި ބައިވެރިވުމަށް ދަޢުވަތުދިނީމެވެ. އެމީހުން އެ ދަޢުވަތު ޤަބޫލެއް ނުކުރިއެވެ. އަދި ރާ ބުއިމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަމަށް ބުނެ އެކަމުގެ ސަބަބުތައްވެސް ކިޔައިދިނެވެ.
އެމީހުން ވާހަކަދެއްކިލެއް އޯގާތެރިކަން ބޮޑުކަމުން އެވާހަކަތަކަށް ޝައުޤުވެރިވީލެއްވެސް ބޮޑުވިއެވެ. އެހެންވެ އަހަރެން އެމީހުން ދެއްކި ވާހަކަ ދިރާސާކުރީމެވެ. އެމަސައްކަތުގެ ތެރެއިން އިސްލާމް ދީންވެސް ދިރާސާކޮށް މުސްލިމަކަށްވުމަށް ނިންމީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން ވިސްނައިލަބަލާށެވެ! އޭނާ އިސްލާމް ދީން އެ އިޚްތިޔާރުކުރީ އެމީހުންގެ އޯގާތެރިކަމުންނެވެ. އެމީހުން ވާހަކަދެއްކިލެއް އޯގާތެރިކަމުން އުފެދުނު ޝައުޤުވެރިކަމުންނެވެ. މީސްތަކުންނަށް އޯގާތެރިކަމާއިއެކު މުޢާމަލާތުކުރަން ދީނުގައި ބާރު އަޅަނީ އެ ސަބަބަށްޓަކައެވެ.
މީހަކު ފާފަކުރަނިކޮށް ފެނުނު ނަމަވެސް ހަރުކަށިކޮށް މުޢާމަލާތުނުކުރާށެވެ! އެއީ މުސްލިމަކު ކަމުގައިވީނަމަވެސްމެއެވެ. މަޑުމައިތިރިކަމާއިއެކު މުޢާމަލާތުކޮށް އޭނާއަށް ވިސްނައިދޭން މަސައްކަތްކުރާށެވެ! އިޞްލާޙްކުރެވޭނީ އެއިރުންނެވެ. ހަރުކަށިވުމަކުން ކުރާނެ ފައިދާއެއް ނެތެވެ.
އަމިއްލަ ޢާއިލާގެ މީހުންގެ ކަންކަން އިޞްލާޙްކުރަންވެސް މިމަގު އިޚްތިޔާރުކުރާށެވެ! ”ކަލެއަކީ ޙަރާމްކަންކަންކުރާ މީހަކުކަމަށްބުނެ ރުޅިގަދަ ނުކުރާށެވެ! އޭނާގެ ބަލިފައި ހޯދައި އެކަމަކުން ސަލާމަތްވާން އޭނާއަށް އެހީތެރިވެދޭށެވެ! އޭނާގެ އަތުގައި ހިފާށެވެ! ކައިރިކުރާށެވެ! ކޮށްޕައި ދުރަށް ނުލާށެވެ! ހަރުކަށިވެ ނުބައި ބަސްތައް ބުނުމުން ބޭރުގައި ހޭދަކުރާ ވަގުތު ގިނަކުރާނެއެވެ. މާގިނައިން މާބޮޑެތި ފާފަތައް ކުރާނެއެވެ!
[…] އިތުރަށް ވިދާޅުވޭ […]