ދައުލަތުގެ މީޑިއާއިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުޒުރު ދައްކަވަމުންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެމްޕޭންގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިންތި ވިދާޅުވީ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް ފެނިވަޑައިގަންނަވާނީ ރައްޔިތުންގެ އަރިހަށް ކުރައްވާ ދަތުރުފުޅުތަކަށް ފަހު އެފަދަ ކަމަކަށް ވަގުތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށް އެމްޑީޕީން ބުނަނީ އެމަނިކުފާނު އެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އުޒުރު ދެއްކުމުގެ ގޮތުންކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުތަކުގެ އެންމެ ބޮޑު އެއް އަސާސަކީ ރިޔާސީ ބަހުސްކަމަށާއި އެ ބަހުސްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓުން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުން އެއީ ވަރަށް އަސާސީ ކަމެއް ކަމަށެވެ.
”އިންތިހާބުތަކުގެ އެންމެ ބޮޑު އެއް އަސާސަކީ ރިޔާސީ ބަހުސް، ރިޔާސީ އިންތިހާބެއްގައި ހާއްސަ ގޮތެއްގައި ބަހުސެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުން އެއީ ވަރަށް އަސާސީ ކަމެއް ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓު މިހާރުވެސް އެ ދައްކަވަނީ އުޒުރެއް,“ އިންތި ވިދާޅުވިއެވެ.
ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން ނެތްކަމަށް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ސްޕޯކްސް ޕާސަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.
މާރިޔާ ވިދާޅުވީ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް ފެނިވަޑައިގަންނަވާނީ ރައްޔިތުންގެ އަރިހަށް ކުރައްވާ ދަތުރުފުޅުތަކަށް ފަހު އެފަދަ ކަމަކަށް ވަގުތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށެވެ.
”ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން، އެހެންވީމަ ސީދާ ތިއަށް އެއްޗެެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހު ވަގުތު އޮވެއްޖިއްޔާ ހަމަ ގައިމުވެސް ތި ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ,“ މާރިޔާ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މި އަހަރުގެ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެމްޑީޕީގެ ކެމްޕެއިން ޓީމުން ދީފައި ނުވާއިރު 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައިވެސް އޭރު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް އިބްރާހިމް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގެންނަވާކަން ފާހަގަކޮށްލެވެއެވެ.