މިދިޔަ އަހަރު ފީފާއިން ހޮވާ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ ބަޔާން މިއުނިކްގެ ރޮބާޓް ލެވެންޑޯސްކީ މި އަހަރުގެ ހޫނު މޯސުމުގެ ޓްރާންސްފާ މާކެޓުގައި އެ ޓީމު ދޫކޮށްލާނެކަން ޔަގީންވުމާއެކު ބަޔާނުން އޭނާ ނެތްތަން ފޫބެއްދުމަށް ލިވަޕޫލްގެ ސާޑިއޯ މާނޭ ހޯދުމުގެ މަަސައްކަތް ފަށައިފިއެވެ.
ސްކައި ޖާމަނީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޔާނުން 50 މިލިއަނަށް ވުރެ ކުޑައަގަކަށް އޭނާ އެ ޓީމަށް ގެންދެވޭނެ ކަމަށް ޔަގީންކޮށްފައިވެއެވެ.
މާނޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތް ނަަމަވެސް އޭނާ އެ ޓީމުގައި މަޑުކުރުވުން ފަސޭހަ ނުވާނެކަމަށް ވެސް ސްކައި ޖާމަނީން ބުނެފައިވެއެވެ.
ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސާލިހަމިޑްޒިޗް ވަނީ އެ ޓީމުގެ ޓްރާންސްފާ ލިސްޓްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާނޭ ހޯދުމަށް ކަމަށް ބުނެފައެވެ. އަދި ޓްރާންސްފާގެ ކަންކަން ކުރިއަށް ގެންދިއުމަށް މާނޭގެ އެޖެންޓުންނާ މި މަހުގެ ތެރޭގައި އޭނާ ވަނީ ބައްދަލު ވެސް ކޮށްފައެވެ.
މާނޭ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާގެ ކުރިމަގާ ބެހޭ ގޮތުން ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ފަހު ވާހަކަ ދައްކާނެކަމަށް ބުނެފައެވެ.
”ހޮނިހިރު ދުވަހު އެނބުރި އައިސް އަހަރެން ރަނގަޅު ޖަވާބެއް ދޭނަން، މީޑިއާތަކުން އަޑުއަހަން ބޭނުންވާ ޖަވާބެއް ދޭނަން،“ މާނޭ ބުންޏެވެ.
މި ޓްރާންސްފާ މާކެޓުގައި ލެވެންޑޯސްކީ ބަޔާން ދޫކޮށްލާނެކަމަށް ޔަގީން ވީނަމަވެސް އޭނާ ދާނީ ދެން ކޮން ޓީމަކަށް ކަމެއް ޔަގީނެއް ނޫނެވެ. ރިޕޯޓުތައް ބުނާގޮތުގައި ލެވެންޑޯސްކީ ދިއުން އެންމެ ގާތީ ސްޕެއިންގެ ބާސެލޯނާއަށެވެ.