އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާން ބޭނުންވާ ކަމަށާއި އެކަމާ އުފާ ވެސް ކުރައްވާ ކަމަށެވެ. އެކަމަކު، ”ކަކުނި ހަރުކޮންނަން ވާނީ އެ ކަކުންޏެއްގެ ވަރުން“ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަވަނީ، ކޮންމެހެން ވެސް ވެރިކަމަށް އަންނަން ކަމަށާއި މިހާރު ވެސް އިންޑިއާ މެދުވެރިކޮށް ދެ ތިން އަހަރު ތެރޭގައި ތިން ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވަނީ އެ ލޯން ދައްކަނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.
”އެމްއެމްއޭ ގަވަރުނަރު ވިދާޅުވަނީ ތިމަނާއަކަށް ނޭނގެއޭ ފައިސާ ނަގާފައި އޮތީ ކިތައް ޕަސަންޓު އިންޓަރެސްޓްގައި ކަމެއް، ކިތައް އަހަރު ތެރޭގައި ދައްކަން ކަމެއް. އެގްރީމެންޓްގައި އޮތީ ކިހިނެއް ކަމެއް. ވަރަށް ބިރު ހުރި މައްސަލައެއް އެނގޭތޯ މިއީ،“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ވާހަކަ ދައްކާ އިރު، ދައުލަތުން ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި ހަމަޖެހުނީތޯ ސުވާލު ކުރައްވައިފައެވެ. އަދި މިހާތަނަށް އައިއިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ބޮޑުނުކޮށް ހިފެހެއްޓީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.
”ކީއްވެގެންތޯ އިހަށް ދުވަހު ޓެކްސް ބޮޑު ކުރީ؟ މިއަދު ވެސް ސަރުކާރުގެ ހުރިހާ ވޭޖް ބިލަކީ 900 މިލިއަން ރުފިޔާ، ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ. ދިވެހި ދައުލަތަށް މަސް ދުވަހަށް ލިބެނީ 1.8 ބިލިއަން ރުފިޔާ. ދެން ކިހިނެއްތޯ ފައިސާ ދައްކަނީ؟ އޭގެ %40 ބޮޑު ކުރާ ވާހަކަ މި ދައްކަނީ. އޭގެ މާނައަކީ 1.4 ބިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ،“ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މުސާރަ ބޮޑު ކުރާ ވާހަކަ ދައްކަނީ ފެއިލްވީ ކަމަށް އެނގޭތީ ރައްޔިތުން ބޮލަށް ”ލުނބޯ ހުތް“ ފިތަންވެގެނެވެ. ދިވެހި ރައްޔިތުން އެ ވާހަކައިގައި ނުޖެހުމަށް ގާސިމް ގޮވާލެއްވިއެވެ.
”ނަމަނަމަ، ނުހޮވައްޗޭ، އިބޫ އަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތޭ. ދިވެހި ދައުލަތަށް ހިޔާނާތްތެރިވެއްޖެ. ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލައިފިއޭ. ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު މާދަމާ ފެނިވަޑައިގަންނަވާނެ،“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވަނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައެވެ. އަދި ”ޅަ އެއްޗެހި އަޅަމުން، ދިޔަ ގޮތަށް ގޮސް، ރުކުގެ ކުރިގަނޑަށް ދާން ދެން“ ކޮށާލާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
”ހަދާނެ އެއްޗެއް ނޭނގިގެން ގޮސް މި ބުނަނީ %40 މުސާރަ ބޮޑު ކުރާ ވާހަކަ. މި ކިހާ ވަރެއްގެ ވާހަކައެއްތޯ މި ދައްކަނީ؟ ކޮން ފަދަ ރަނގަޅު ވެރިއެކޭތޯ ބުނަންވީ؟ އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ކުރީކީ ނޫން. ކަނޑުގެ އެއޮށް ބޮޑު ސަރަހައްދު ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ދޫކޮށްލީ. ސިފައިން ބޭތިއްބީ ގާނޫނުއަސާސީއާ ހިލާފަށް.“ ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ، އަންނަ ޖެނުއަރީން ފެށިގެން %40 ބޮޑު ކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ މި އަހަރު ފާސްކުރާ ބަޖެޓާއެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އިމާމުންނާއި މުދިމުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ.