ޒަމާނުއްސުރެ މާލޭގައި ދިރިއުޅެމުން އަންނަ ގިނަ މީހުންނަކީ ދަތި ހާލުގައި އާއިލާއާއެކު ކުއްޔަށް ދިރިއުޅެމުން އައި ބައެކެވެ. ރަށްރަށުގައި ރަނގަޅު ތަޢުލީމެއް، ވަޒީފާގެ ފުރުސަތެއް، ސިއްޙީ ފަރުވާއެއް ނެތިގެން މާލެ ބަދަލުވި އެތައް އާއިލާއެއް އެބައުޅެއެވެ.
ރެއާއި ދުވާލު ކުރި މަސައްކަތުން އެއްކުރެވުނު ފައިސާކޮޅުން ބެލީ ދާއިމީ ބޯހިޔާވަހިކަމެއް ލިބޭތޯއެވެ. ބޯހިޔާވަހިކަމެއްގެ އިންތިޒާރުގައި ތިބި އާއިލާތަކަށް ހުޅުމާލެ ފެނުނީ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ސޯޝަލް މީޑިއާ އަށް ވަންނަ ކޮންމެ ފަހަރަކު މި ފެންނަނީ ރީތި ނަލަނަލަ ހުވަފެންތަކެއްފަދަ އިމާރާތްތަކެއްގެ ކުރެހުންތަކެކެވެ. ޑައުންޕޭމަންޓްގެ ގޮތުގައި 1 ކޮޓަރީގެ އެޕާޓްމަންޓަކަށް 4 ލައްކައެއްހާ ރުފިޔާ، ދެކޮޓަރީގެ އެޕާޓްމަންޓަކަށް 6 ލައްކައެއްހާ ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމެންޓަކަށް 8 ލައްކަ ރުފިޔާ ދައްކާފަ ބާކީބައި ބެންކް މެދުވެރިކޮށް ލޯނު ނަގައިގެން އެޕާޓްމެންޓް ގަނެވޭނެ ފުރުސަތެވެ. ނޫސްތަކުން ވެސް ފެނުނީ އެއްކަލަ މިބުނި ފުލެޓުތަކުގެ ފުރިހަމަކަމުގެ ވާހަކައެވެ. އެތަންތަނުގެ ވެރިންގެ މުއްސަނދިކަމާއި ދީލަތިކަމުގެ ވާހަކައެވެ. ރަނގަޅަށްވެސް ރައްޔިތުން މިމުއްސަނދިންގެ އަވާގައި ޖެހިއްޖެއެވެ. ނޫސްތަކަށް ބޮޑު ޚަރަދުކޮށްގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާލީއެވެ.
ޑައުންޕޭމަންޓް ހަމަނުވެއްޖެނަމަ ގާތް ތިމާގެ މީހުންގެ އަތުން ހޯދައިގެންވެސް އެއްކަލަ މިބުނި ފުލެޓުތައް ގަނެވޭތޯ ކިޔުގައި މީހުން ޖެހިއްޖެއެވެ. އެއްފަހަރާ ގިނަ އަދަދެއްގެ ރުފިޔާ މަހުޖަނަށް ލިބުނީއެވެ. އިމާރާތުގެ މަސައްކަތްވެސް އެއިރު ހުރީ ދެންމެ ދެންމެ ނިމިދާނެހެން ހީވާ ހިސާބަށް އިމާރާތުގެ ބޭރުން މަސައްކަތް ނިންމާފައެވެ. އެތަންތަނުން ފުލެޓު ގަތް މީހުން ލޯނުވެސް ނެގީއެވެ. އިމާރާތް ނިމެމުންދާ ވަރަކަށް އެމީހުންގެ އަތުން ލޯނަށް ކެނޑޭވަރުވެސް ގިނަވަމުން ދިޔައެވެ. އެހެންނަމަވެސް އެއްކޮށް އިމާރާތް ނިންމާ އެތަނަށް ދިރިއުޅުން ބަދަލުވެވޭނެ ދުވަހެއް ނާދެއެވެ.
މިއީ މިފަދަ ފުލެޓަކުން އެޕާޓްމެންޓް ގަތް މީހެއްގެ ވާހަކައެވެ. ނަން ނުޖަހަން އެދެމުން ބުނީ އޭނާ ކޭ ޕާކުން އެޕާޓްމެންޓެއް ގަތީ 2018 ވަނަ އަހަރުގައި ކަމަށެވެ. އެއިރު އުންމީދުކޮށްގެން ހުރީ އަހަރު ދުވަސްތެރޭ އެތަނަށް ވަދެވޭނެ ކަމަށެވެ. އެހެންނަމަވެސް ހީކުރިގޮތާއި ޚިލާފަށް ޑައުންޕޭމަންޓް ދެއްކިތާ 5 އަހަރު ވީއެވެ. އެއްކަލަ މިބުނި މީހާ މާލޭގައި ދިރިއުޅޭ އެޕާޓްމެންޓަށް ކޮންމެ މަހަކު ކުލި ދައްކަމުން ލިބޭނެ ކަމަށް އުންމީދު ކުރި ފުލެޓުގެ ލޯނަށް ރުފިޔާ ދައްކަމުން އުޅޭނެ ހާލު ވިސްނަބަލާށެވެ.
ދެން އޮތީ ބީއެމްއެލްގެ ލޯނުގެ ވާހަކައެވެ. މިލޯނަކީ ބޮލުގެ ރިހުމެކެވެ. ފުލެޓު ގަތުމަށް މިލިއަނުން ލޯނު ނެގިއްޔާ 20 އަހަރުން ދައްކާނަމަ އިތުރަށް ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ. ލޯނުގެ ބާކީބައިން 11 އިންސައްތަ އިތުރުވަމުން ދެއެވެ. ބަލަބަލާހުއްޓާ މަހަކު 10 ހާހުން އިތުރުވާއިރު ލޯނު ދައްކާ ނިންމާނެ ހާލު ނިކަން ވިސްނަބަލާށެވެ. ލޯނު ދައްކަމުން ފުލެޓު ނުލިބި ގަނަތެޅުން ނޫން ގޮތެއް ނެތީއެވެ.
އެކަމަކު ފުލެޓު ވިއްކި މަހުޖަނު ކުރަނީ ކީއްހެއްޔެވެ؟ ދުނިޔެ ވަށައި ބުރު ޖަހަނީއެވެ. މިފަދަ މަހުޖަނުންގެ އުފާވެރި ދިރިއުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއިން ދަނީ ފެންނަމުންނެވެ. އެއްކަލަ ފުލެޓު ގަތް އާދައިގެ މީހާގެ ހާލަތު ހިތަކަށްވެސް ނައަރައެވެ. އުޅެނީ ކޮންފަދަ ހާލަތެއްގައިތޯވެސް ބަލާލީކީއެއް ނޫނެވެ. ނުވިތާކަށް ފުލެޓު ނުލިބިގެން މަހުޖަނުގެ އޮފީހަށް ދިއުމުން ބައްދަލުވެސް ވަނީކީއެއް ނޫނެވެ. ފޯނަކަށް ޖަވާބު ދެނީއެއް ނޫނެވެ.
”ކޭ ޕާކުން“ އެއް އެޕާޓްމެންޓެއް އެތައްބަޔަކަށް ވިއްކާފައިވާކަމަށް ތުހުމަތު ކުރެވެއެވެ. އަދި އެތަން ނިމޭނެ ދުވަހެއް ނޭނގޭއިރު ”ކޭ ޕާކް“ އާއި ޖައުސާގެ ”ދަ ގާޑެންސް“ ނުނިމިގެން ރައްޔިތުންނަށް ވަނީ އިންތިހާއަށް ބޮޑު ގެއްލުން ލިބިފައެވެ. މަސައްކަތް ކުރާ ފަރާތުން އެކި އުޒުރު ދައްކާ އިމާރާތް ނުނިންމާ ހޭދަވާ ކޮންމެ ދުވަހެއްގެ ސަބަބުން ފުލެޓު ގަތް މީހާއަށް ލިބޭނީ ގެއްލުމެވެ. ކުއްޔަށް އުޅެމުން ލޯނަށް ދައްކަން ޖެހޭ ވަރަށް ނުދެއްކޭ ފަހަރުވެސް އަންނާނެއެވެ. އެހެންކަމަށްވާނަމަ ލޯނަށް އިތުރަށް އަރާވަރު ބޮޑުވާނެއެވެ.
ފުލެޓުތަކުގެ މަސައްކަތް އެގްރިމެންޓާއި އެއްގޮތަށް ނިންމާތޯ ކައިރިން ބަލަން އެބަޖެހެއެވެ. ކޮވިޑުގެ ”ބޮލުގައި“ އަޅުވައި މުޅިއުމުރަށް އެތަންތަން ނުނިންމައި ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ. އެތަންތަނުން ފުލެޓު ގަތް މީހުންގެ ހައްގު ހިމާޔަތް ކޮށްދޭށެވެ. ނިކަމެތިންނަށް ނިކަމެތިގޮތް ނުވާނެ ގޮތަކަށް ގަވާއިދުތައްވެސް އިސްލާހުކުރެވެން އެބަޖެހެއެވެ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނަށް ހައްގު އަދަބު ދޭށެވެ! ގާނޫނުގެ ކުރިމަތީގައި މަހުޖަނެއް އިސްތިސްނާ ވެގެން ނުވާނެއެވެ.
ހުޅުމާލޭގެ ބައެއް ފުލެޓުތަކަކީ ދެވިފައިވާ މުއްދަތަށް ނިންމަމުން އަންނަ ފުލެޓުތަކެއްކަން ފާހަގަވެއެވެ. އާންމުންނަށް މަކަރު ނަހަދާ މަސައްކަތް ނިންމަމުންދާ މަހުޖަނުންނަށް ޝުކުރު ހައްގެވެ.