އެއިރޯފްލޮޓް ހުއްޓާލުމުން ”ބޮޑު އެނގުމެއްވާނެ“
ދެންމެ | 06 މާރޗް 2022

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ، ރަޝިޔާގެ ބައިނަލްއަގުވާމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް ހުއްޓާލުމަކީ ރާއްޖޭގެ ޓޫރިޒަމްގެ ނަންބަރުތަކަށް ލޮޅުން އަރާނެ ކަމެއް ކަމަށް ޓޫރިޒަމްގެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.

”ވަރަށް ބޮޑު އެނގުމެއް ވާނެ. އެއީ ދުވާލަކު ގާތްގަނޑަކަށް 300 ވަރަކަށް ޓޫރިސްޓުން އުފުލާ އެއާލައިނެއް. ކޮންމެ ދުވަހަކު ފްލައިޓެއް އެބަ އަޅާ. ބައެއް ދުވަސްދުވަހު އެއަށް ވުރެ ގިނައިން ވެސް އެ މީހުންގެ ފްލައިޓްތައް އޮންނާނެ،“ ރާއްޖެ އަށް ޓޫރިސްޓުން ގެންނަ އިނަ މޯލްޑިވްސްގެ އޯނަރު މުހަންމަދު ފިރާގު ވިދާޅުވި އެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް އެރުމާ އެކު، ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެ، އެއިރޯފްލޮޓް އިން ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލާކަން އިއުލާންކޮށްފަ އެވެ. އެ އެއާލައިނުން ރާއްޖެ އަށް ކޮންމެ ދުވަހަކު ކުރަމުން އަންނަ ޗާޓާ ފްލައިޓްތައް މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން ހުއްޓާލާނެ އެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 15 ޕަސެންޓް އަންނަނީ އެ އެއާލައިނުންނެވެ. ރަޝިޔާ އަކީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގައުމު ވެސް މެ އެވެ. އެއީ 33،000 އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު އެއިރޯފްލޮޓް އެވްރެޖްކޮށް ހަފުތާއަކު 14 ފްލައިޓް ބާއްވަ އެވެ. އަދި އެވްރެޖްކޮށް ހަފުތާއަކު 5000 ޓޫރިސްޓުން އުފުލަ އެވެ. ރަޝިޔާ އިން ރާއްޖެ އަށް ދެން ޗާޓާ ފްލައިޓް ބާއްވަނީ އަޒޫރް އެއާ (ހަފުތާއަކު ދެ ފްލައިޓް/ 500 ވަރަކަށް ޓޫރިސްޓުން) އާއި ނޯޑްވިންޑް އެއާލައިންސް (ހަފުތާއަކު އެއް ފްލައިޓް/ 200 ވަރަކަށް ޓޫރިސްޓުން) އެވެ.

އެމްއޭސީއެލް އިން ބުނީ، އެއިރޯފްލޮޓް ހުއްޓާލާކަން އެނގިފައިވާ ކަމަށާއި އޭގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް އިމްޕެކްޓް އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށެވެ.

ޓޫރިސްޓުންނަށް މަގު ބަންދުވީއެއް ނޫން

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއިރޯފްލޮޓް ހުއްޓާލިޔަސް ރަޝިޔާ އިން ރާއްޖެ އަށް އާދެވެން އޮތް މަގުތައް މުޅިން ބަންދުވީއެއް ނޫނެވެ. އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ރަޝިޔާގެ އެހެން ދެ އެއާލައިނެއް އަދިވެސް ރާއްޖެ އަށް އެބަ ދަތުރުކުރެ އެވެ.

”އެހެން އެއާލައިންތަކުން ވެސް ރަޝިޔާ ޓޫރިސްޓުން މިހާރު ވެސް ރާއްޖެ އަށް އެބަ އާދޭ،“ އޭނާ ވިދާޅުވި އެވެެ.

ޓުއާ އޮޕަރޭޓަރަކު ވިދާޅުވި ގޮތުގައި، އެއިރޯފްލޮޓް ހުއްޓާލުމުން އޭގެ އަސަރު ކުރާނީ ވަކި ބަޖެޓެއްގައި ދަތުރުކުރަން ބޭނުންވާ ޓޫރިސްޓުންނަށެވެ. އެކަމަކު އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ ކުދި ބަޖެޓްތަކުގައި ރާއްޖެ އަންނަ ރަޝިޔާ ޓޫރިސްޓުން ވަރަށް މަދު ކަމެވެ.

”ރަޝިޔާ-ގަތަރު-ރާއްޖެ އެ މަގުން ވެސް ޓޫރިސްޓުންނަށް އާދެވޭނެ. ގަތަރު އެއާލައިން މިހާރު ވެސް އެބަ ދަތުރުކުރޭ ރަޝިޔާ އަށް. އެމިރޭޓް ވެސް އަދި އެންމެ ކައިރިން ސްރީލަންކަން ވެސް އެބަ ދަތުރުކުރޭ. އެހެންވެ، ޓިކެޓަށް ވަރަށް ކުޑަ އެއްޗެއް އިތުރުކޮށްލައިގެން ރާއްޖެ އަންނާކަށް ހުރަހެއް ނެތް،“ އޭނާ ވިދާޅުވި އެވެ.

އެކަމަކު ރަޝިޔާގެ މަސްރަހު އޮތް ގޮތާއި އެއިރޯފްލޮޓް ހުއްޓާލުމަކީ، ދަތުރުކުރަން ތިބި އެތައް ހާސް ރަޝިޔާ ޓޫރިސްޓުންނަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އޭގެ އަސަރުތައް މިހާރު ވެސް މަޑުމަޑުން ވަނީ ކުރަން ފަށައިފަ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި ރަޝިޔާގެ ޓޫރިސްޓުންގެ ކެންސަލޭޝަން މަދުން ނަމަވެސް މިހާރު އަންނަނީ ފެންނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!