ރިޔާސީ އިންތިޚާބުން މިފަހަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ( ދެވަނަ ދައުރަކަށް ) ނުހޮވެނެކަމަށް ރާއްޖޭގައި މިހާރު ހުންނެވި އެކްޓިވްކޮށް އެންމެ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ތާއީދު އޮންނަ ނ އަތޮޅު ވެލިދޫއަށް ވަޑައިގެން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ޤާސިމް ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުން މިފަހަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެއްވާނީ ކޮޅުކެއްސެއް ކަމުގައެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކާއި ކުޅުދުށްފުށިފަދަ އާބަން އަދި މީހުން ގިނައިން ދިރިއުޅޭ އާބާދީތަކުން ރައީސް ސާލިހަށް ވިހި ޕަސެންޓްވެސް ލިބިވަޑައި ނުގަންނަވާނެ ކަމުގައި ޤާސިމް ވިދާޅުވިއެވެ.
ވެލިދޫގައި ޤާސިމް ކެމްޕެއިން އެއްވުން ބޭއްވި ތަނާކައިރީގައި ތިބެގެން އެމްޑީޕީގެ ސަޕޯޓަރުން ބާރަށް ކެމްޕެއިން ލަވަ ޖަހަމުންދަނިކޮށް ޤާސިމް ވިދާޅުވީ އެއީ ދައްކާލާ ކުލަވަރެއްކަމަށެވެ. އެމްޑީޕީގެ ރައްޔިތުންވެސް ހިތުގެ އަޑިން ސާލިހަށް ވޯޓްނުދޭނެ ކަމަށެވެ.
“ އެއީ ( ވޯޓް ނުދިނުން ) އެއީ އެމީހުންދޭ ކެއްސެއްނޫން. އެއީ ވަރަށް ބޮޑު ނިއުމަތެއް ރައްޔިތުން ވޯޓްނޭޅުން“
ރައީސް ސާލިހް މިފަހަރު ހޮވިވަޑައިނުގަންނަވާކަން ޚުދު ސާލިހަށްވެސް އެނގިވަޑައިގަންނަވާކަމުގައި ޤާސިމް ވިދާޅުވިއެވެ.
“ ހަގީގަތުގައިވެސް އިބްރާހީމް މުހައްމަދު ސާލިހަށް މިފަހަރު ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ރައްޔިތުން އެމަނިކުފާނަށް ވޯޓްނާޅައި ނުހޮވައި އެމަނިކުފާނު ސަލާމަތްކުރުން. އޭރުން ދައުލަތުން އެމަނކުފާނު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދީ ބަލަހައްޓާނެ، އިތުރު ކުށެއްކޮށްފައި ނެތްކަމަށް ވަންޏާ. އެއަށްވުރެ މުހިއްމު އެއްވެސްކަމެއް ދިވެހި ރައްޔިތުންނަށް އެމަނިކުފާނަށް ކޮށެއްނުދެވޭނެ“
ޤާސިމް ވިދާޅުވީ ރައީސް ސާލިހް ގާނޫން އަސާސީއާ އެތައް ތަނަކުން ޚިލާފްވެއްޖެ ކަމަށެވެ. އޭގެ މިސާލުތަކަކަށް ނެންގެވީ ޗާގޯސްގެ މައްސަލާގައި އަމަލުކުރައްވާފައިވާ ގޮތާއި ފޮނުއްވި ސިއްރު ސިޓީފުޅާއި އިންޑިއާ ސިފައިން ރައްޖޭގައި ބަތިއްބާފައި ތިބުމެވެ.
ނ އަތޮޅަކީ ސަންޓްރެވަލް ޝިޔާމްގެ ތާއީދު ކުރިން އޮތް ސަރަހައްދެއްކަށްވިޔަސް ޤާސިމް ވިދާޅުވީ ޝިޔާމް ކޯލިޝަން ހައްދަވާ ޕާޓީއެއް ކޮންމެ ފަހަރަކުވެސް ދަނީ ފޭލްވެގެންނެވެ. އޭގެބަދަލުގައި ޖޭޕީން އިންތިޚާބުގައި ވާދަކޮށް ބަލިވުމުން ނިކަމެތިކަމާއެކު އިސްދަށަށް ޖަހައިގެން ގޭގައި ފިކުރުކުރަން ތިއްބައި އެހެންޕާޓީތަކުން ބައިހަދާފައި ކޯލިޝަން ހަދަން ބޮޑެތި ހުށަހެޅުންތައް ހިފައިގެން ގޮސް ކޯލިޝަން ހަދައިގެން ނުކުމެ ވެރިކަން ލިބުމާއެކު ކަންފަތުގައި ހިފައި ހޫރާލަނީކަމަށް ވިދާޅުވިއެވެ.
“ އަޅުގަނޑުމެންގެ ކޮށި ވިސްނުމާއި ގޮފަޅުކަމުން މިވާގޮތަކީ ސަރުކާރު ފަށައިގަންނަތަނުން ގާނޫން އަސާސީއާއި ގާނޫން ތަކާއި ޚިލާފްކަންތައްތަކެއް ސަރުކާރުން ފަށައިގަންނަނީ. ގާނޫނާ ޚިލާފަށް ކޮރަޕްޝަންގެ ކަންތައްފެށުނީމާ، އަޅުގަނޑު އެކަމާދެކޮޅަށް އެއްޗެއް ބުނީމާ ސަރުކާރުން އަޅުގަނޑުމެން ދެކެ ރުޅިއައިސްގެން ކަންފަތުގައި ހިފާ ހޫރާލަނީ.“
އިންތިޚާބާ ދިމާކޮށް ނެގެމުންދާ އެކިއެކި ޕޯލްތަކުން ދައްކާގޮތުން ސާލިހްގެ ޕޮޕިއުލަރިޓީ ފެންނަނީ އިންތިޚާބު ކާމިޔާބުކުރެވޭވަރަށްވުރެ ދަށްކޮށެވެ. އެކަމަކު ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވަނީ އަދާލަތު ޕާޓީއާއި ސަންޓްރެވަލް ޝިޔާމާއެކު އެއްބުރުން އެމަނިކުފާނު މިއިންތިޚާބު ކާމިޔާބުކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.