ސަންގު ޓީވީގެ ރިޔާސީ ބަހުސް ޕްރޮގުރާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިނުގަންނަވާނެކަން އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓު މުޙައްމަދު ނާޝިޒު އަންގަވައިފި އެވެ.
ސަންގު ބަހުސަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޝައުޤުވެރިކަމާއެކު ބަލާ ސިޔާސި ބަހުސް ޕްރޮގުރާމެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ދިމާކޮށް ސަންގު ޓީވީން ބޭއްވި ސަންގު ބަހުސް ޕްރޮގުރާމަކީ އެ އަހަރު އެންމެ މަޤުބޫލު އެއް ޕްރޮގުރާމެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން ދޭ އެވޯޑު ލިބިފައިވާ ސަންގު ބަހުސް ޕްރޮގުރާމުގެ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެހެން ކެންޑިޑޭޓުންނަށް ސަންގުން ފޮނުވި ދައުވަތު އެމަނިކުފާނު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންވަނީ ޤަބޫލުކުރައްވައިފައެވެ.
ނަމަވެސް ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުން ސަންގު ޓީވީގެ ދައުވަތަށް ޖަވާބެއް ނުދީ ގިނަ ދުވަސްތަކެއް ކުރުމަށްފަހު، މިހާރު އެ ޓީމުންވަނީ އެ ބަހުސަށް ރައީސް ހާޒިރުވެވަޑައިނުގަންނަވާނެކަން އަންގާފައެވެ.
މިކަމާ ގުޅިގެން ސަންގު ޓީވީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމު ސަންގުގެ ރިޔާސީ ބަހުސަށް ފިއްލަވައިފި ކަމަށެވެ.
އިތުރަށް އެ ޗެނަލުން ބުނީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމަށް ފޮނުވި ދައުވަތަށް ޖަވާބެއް ނުދެއްވައި އެތައް ދުވަހެއް މަޑުކުރެއްވުމަށްފަހު، ރައީސްގެ ކެމްޕެއިން އެޖެންޓު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ރައީސް ބަހުސަށް ރައީސް ފިއްލެވިކަން ރަސްމީކޮށް އެ ޓީވީއަށް އަންގަވާފައި ކަމަށެވެ.
ސަންގު ބަހުސްގެ އިތުރަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ރިޔާސީ ބަހުސްގައިވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ބެލެވެއެވެ.
އަދި ރިޔާސީ ކެންޑިޑޭޓުންގެ ސިޔާސަތުތަކާމެދު ތަންޤީދީކޮށް ސުވާލުކޮށް ޖަވާބުދާރީކުރުވުމަށް ޕީއެސްއެމްއިން ގެނެސްދޭ ”ރިޔާސީ ސިޔާސަތު“ ޕްރޮގުރާމަށްވެސް ރައީސް އިބްރާހީމު ވަޑައިގަތުމަށް އިންކާރުކުރައްވާފައިވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް މުހިއްމު ސިޔާސަތުތަކާމެދު ސުވާލުކުރި ޕީއެސްއެމްގެ ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމު ބައިވެރިވެވަޑައިނުގަންނަވައެވެ.