ބާކީނުވޭ ކެމްޕޭން ނުފެށެނީސް ކަފުން ވެއްޖެ: ޔާމީން
ދެންމެ | 28 މެއި 2022

އިދިކޮޅުން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތާއި ދެކޮޅަށް ހިންގާ ”ބާކީނުވޭ“ ކެމްޕޭން ނުފެށެނީސް ކަފުން ވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ކުރިއަށް ގެންދާ އެހަރަކާތުގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި ”ބާކީނުވޭ“ ހޭސްޓެގް ބޭނުން ކުރަމުންނެވެ. އަދި އެފަރާތްތަކުން ބުނެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ވެސް އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އެގައުމުން ދީފައިވާ ކަމަށާއި އެހެން ކަމުން އެގައުމަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.

”އިންޑިއާ އައުޓް“ ކެމްޕޭނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެހަރަކާތުގެ ސަބަބުން ދިވެހިން ބާކިވެދާނެ ކަމަށް ވިދާޅުވެ، އެ ހަރަކާތް ހުއްޓާލުމަށް އެދިފައެވެ.

”ބާކީ ނުވޭ“ ކެމްޕެއިނުގައި ބައެއް ފަރާތްތަކުން ބައިވެރިވަމުން އަންނަ ދަނޑިވަޅެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މުޅި ގައުމު މިވަގުތު ފުރިހަމަ ސަމާލުކަން ދީގެން ކުރާ އެއް މަސައްކަތަކީ ”އިންޑިއާ އައުޓް“ ހަރަކާތް ކަމަށާއި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާއަށް ތާއީދު ނެތްކަން އެގައުމަށް ވެސް އިހުސާސް ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!