އެހެންމީހުންނަށް ފާޑުކިޔާއިރު، ތިމާގެ ހާލަކީ ކޮބާ؟
ދެންމެ | 26 އޯގަސްޓް 2023

ޒަމާން ބަދަލުވެ، އެއްތަނުގައްޔާއި އަނެއްތަނުގައި ދައްކާ ވާހަކަތައް މުޅި ދުނިޔެއަށް މި ދަނީ ފޯރަމުންނެވެ. ކޮންމެ ތަނެއްގައިމެ ކުރެވޭ ކަންކަން މުޅި ދުނިޔެ ދަނީ ބަލަމުންނެވެ. އެހެންކަމުން ތަންތަނުގައި ވާހަކަ ދައްކާއިރުގައްޔާއި ކަންކަން ކުރާއިރުގައި ތިމާގެ އަގު ހިފެހެއްޓޭތޯ ކޮންމެ މީހަކުވެސް ބަލަންވާނެއެވެ. މާ އަނގަ ގަދަ ވުމާއި، މާ ގިނައިން ކޮމެންޓް ކުރުމާއި، އަބަދު އަނެކާ އާއި ޖައްސާލައިގެން އުޅުން އެއީ އަދި މާ ރަނގަޅު ގޮތެއް ނޫނެވެ. އަދި ދެރައީ މިފަދައިން އުޅޭ މީހުންގެވެސް ހާލަކީ ވަކި މާ މޮޅު ހާލެއް ކަމުގައި ނުވާތީއެވެ.

މީހަކު ތަނަކު ކުރި ކަމަކުން ނުވަތަ ދެއްކި ވާހަކައަކުން އޭނާ އާއި ދިމާލަށް، ރަތްމަހަށް ނުގޮވާހާ އެއްޗެހި އަހަރެމެން އެބަ ގޮވަމުއެވެ. މީސްމީޑިޔާގައެވެ. ހަމަ އެންމެނަށް ފެންނަ ގޮތަށެވެ. އަނެކާ ދަށު ދަރަޖައަކަށް ވެއްޓިގަތުމުން، އަނެކާ އާއި މެދު ހިތްހަމަ ނުޖެހޭ މީހާ އަނެއްކާވެސް ހަމަ އެ ދަރަޖައަށް ވެއްޓިގަންނަ ގަތުމަކީ ލަދުވެތި ކަމެކެވެ. އަނެކާގެ ކުށް ހޯދާ ދައްކަން، އަނެކާއަށްވުރެވެސް ދަށު ދަރަޖައަކަށް ވެއްޓިގަންނަ މީހުން މަދެއް ނޫނެވެ. މި ފެންނަނީ މުޖުތަމައެއްގެ ގޮތުން ނާތަހުޒީބީ އަމަލު ތަކެވެ.

 

އާއްމުންގެ ތެރޭގައި ވިޔާނުދާ ގޮތްގޮތަށް އުޅުމާއި ހަޑިހުތުރުބަހުން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިކަމުގައި ކޮންމެ މީހަކުވެސް ވިސްނަން އެބަ ޖެހެއެވެ. އެހެން މީހަކު އެފަދަ އަމަލެއް ކުރުމުން އެކަމާ ހިތްހަމަ ނުޖެހި، އެވާހަކަ ތިމާ ދައްކާއިރު، ތިމާގެ ހާލު ތިމާ ދަސްކުރަން އެބަ ޖެހެއެވެ. ތިމާ އަކީ ވަކި މާ ރަނގަޅަށް އުޅެވޭ މީހެއްތޯ ވިސްނާން އެބަ ޖެހެއެވެ. އެހެނީ ތިމާގެ އަމިއްލަ ނަފްސު އިސްލާހު ނުކޮށް، އަނެކާގެ ނަފްސު ނުވަތަ ޖަމާއަތެއް އިސްލާހު ކުރުން އެއީ ނުވާނޭ ކަމެކެވެ. އަދި ކިއެއްތަ އެއީ އެތަން ދެކޭ ބަޔަކު ލަދުވެސް ގަންނާނޭ ކަމެކެވެ.

 

އަހަރެމެންގެ މުޖުތަމައުތަކުގައި، އެ މީހުންގެ ޅަ ދަރިން ގޮވައިގެން ތިބެ، އެމީހުންގެ އެކުވެރިންނާ ވާހަކަ ދައްކާއިރު، ވަރަށް ހަޑިހުތުރު ބަސްބަސް ބޭނުން ކުރާ މީހުން މަދެއް ނޫނެވެ. އާއްމު އިޖްތިމާއީ ތަންތަނުގައި ތިމާ ވަރެއް ނެތިގެން އުޅޭ އިރު، ކައިރީގައި ތިބޭ މީހުންނަށް ނަޖިސް ބަސް ބަހުން މުހާތަބުކޮށް ހަދަނީ މަދެއްކޮށެއް ނޫނެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ތިއްބަސް، ބަސްމޮށުންތެރިކަމުގައި ހުންނަނީ ބެރެކި ރައިވަރުގެ ބަސްކޮށާރެވެ. މިފަދަ މީހުން އެހެން މީހުން ހަޑިހުތުރު ބަސް ބޭނުން ކުރާ ވާހަކަ ދެއްކުން އެއީ އަދި މާ ތާހިރުކަމެއް ކަމުގައި ނުވެއެވެ. ފަހަރުގައި އެހެން މީހުން ފާޅުގައި މަލާމާތް ނުކޮށްފާނެއެވެ. ނަމަވެސް ހަގީގަތް އެނގޭ ހަމަ ކޮންމެ މީހަކު، ލަދުގަންނާނެއެވެ. ހިނިވެސް އަންނާނެއެވެ.

 

އަނެކާ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމުގެ ޝަކުވާ ތިމާ މި ކުރަނީވެސް ހަޑިހުތުރު ބަހުންނެވެ. އަނެއްކާ ތިމާ އަކީ އެހެންމީހުން (ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި މައިންބަފައިން) ކުރިމަތީ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މީހެކެވެ. މިހާލަތުގައި އަނެކާ އަށްވުރެ ތިމާ ވަކި މި ވީ ކޮން މޮޅެއް ހެއްޔެވެ! ނުވުމަށްވުރެ ވުން ގާތީ އަނެކާއަށް ވުރެ ތިމާގެ އަގަލު ކުޑަވުމެވެ!

 

ދަންނާށެވެ! އެހެން މީހުން ކުރާ ކުށްތަކާއި ހަދާ ގޯސްތަކުގެ ވާހަކަ، އިސްލާހަށްޓަކައި ދެއްކުމަކީ އޮތް ކަމެކެވެ. ނަމަވެސް ހަނދާން ކުރަންވީ، ތިމާ މިއީ އެވާހަކަތައް ދައްކަން އެންމެ އެކަށީގެންވާ މީހާތޯއެވެ؟ އެހެނީ ތިމާ އަކީވެސް ހަމަ އެހެން އުޅޭ، ނުވަތަ އެއަށްވުރެވެސް އެކަމުގައި ދަށުދަރަޖައިގާ ވާ މީހެއްނަމަ، ތިމާ އެވާހަކަ ދެއްކުމަކުން ބަލައިގަންނާނެ މީހަކު ނުވާނެއެވެ! އެހެން މީހުން ތިމާއަށް ކުރާނީ މަލާމާތެވެ! ފުރަތަމައީ ތިމާ އިސްލާހު ވުމެވެ. އެއަށްފަހުގައި އަނެކާ އިސްލާހު ކުރަން މަސައްކަތް ކުރުމެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!