ރައީސް އިބުރޭ އާދޭސްތަކަށް ނޫނެކޭ ބުނެ މެމްބަރު އަފީފް ރައީސް ނަސީދާއި އެކު ޕިކަޕް ބުރަށް ނުކުމެ ވަޑައިގެންފި އެވެ.
ރައީސް އިބުރޭ އަފީފަށް ދައުވަތު ދެއްވާފައި ވީނަމަވެސް މިއަދު އަފީފް ވަނީ ރައީސް ނަސީދާއި އެކު މާލޭ މަގުތަކަށް ނިކުމެ ކެމްޕޭން ކުރައްވަން ފައްޓަވާފަ އެވެ.
ރައީސް އިބްރާހިމް އެފަދައިން ދައުވަތު އެރުއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ތ. ވިލުފުށްޓަށް ވަޑައިގެން މިއަދު ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް ވިދާޅުވީ އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވާއިރު އެންމެ ބޮޑަށް އުނިވާ ކަމަކީ އެ ދާއިރާގެ މެންބަރު އަފީފު އެމްޑީޕީ އާއެކު ނެތުން ކަމަށެވެ.
”އަޅުގަނޑު ވަރަށް އިހުތިރާމްކުރާ ސިޔާސީ ބޭފުޅެއް އަފީފު އަކީ، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގައި މި ޖެހުނު ހަލަބޮލިކަމުގެ ތެރޭގައި އަޅުގަނޑުމެން ދޫކޮށް ވަޑައިގަންނަވައިފި، އަޅުގަނޑު ހިތުން އެއީ އަފީފު އިތުރަށް ވިސްނަވަން ޖެހޭ ކަމެއް,“ ރައީސް އިބްރާހިމް ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ ރައީސް އިބްރާހިމް ވަނީ އަފީފު އެކަމާ ވިސްނާވަޑައިގެން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެން ރިޔާސީ ކެމްޕޭނަށް ނުކުމެވަޑައިގަތުމަށް ދައުވަތު އަރުއްވާފައެވެ. އަދި މުސްތަގްބަލު އޮތީ އެންޑީޕީއާއެކުގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.