އިސްތިއުފާ ދޭންވީ ހަމައެކަނި މީޑިޔާ ކައުންސިލް ރައީސް ހެއްޔެވެ؟
ދެންމެ | 28 މެއި 2022

ގައުމުގެ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ހަޑިމުނޑުދާރު ވާހަކަތަކަކީ ކޮންމެ ދުވަހަކު ދެކެވޭ ބާ ވާހަކަތަކެކެވެ. މީޑިޔާ ކައުންސިލްގެ މިހާރުގެ ރައީސް މަގާމުން އިސްތިއުފާ ނުދެއްވައިގެން މީޑިޔާގެ ނުފޫޒުގަދަ ބައެއް ބޭފުޅުން ސީދާ މީޑިޔާ ކައުންސިލްގެ ރައީސަށް ބަހުގެ ހަމަލާ ދެއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ. ރަގަޅެވެ. ވަރަށް ވެސް ރަގަޅެވެ. ދެރައީ ހަމަކަން ނޯންނާތީ އެވެ.

ނޫސްތަކުންނާއި އެހެންވެސް މީޑިޔާގެ ވަސީލަތްތަކުން މީޑިޔާ ކައުންސިލްގެ ރައީސްއަށް ފާޑުކިޔާ އޭނާގެ އަބުރު ކަތިލައިފި އެވެ. މީޑިޔާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އާސިފާއި ދައުރު ނޫހުގެ މެނޭޖިންގ އެޑިޓަރ ހިރިގާ އަހުމަދު ޒާހިރާއި މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރ އަދި ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ ފަދަ މީޑިޔާގެ ނުފޫޒު ގަދަ އެތައް ބަޔަކު މީޑިޔާ ކައުންސިލް ރައީސްއަށް ފާޑުކިޔައިފި އެވެ.

ތެދެކެވެ. ދައުލަތުގެ އިސްމަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަކީ އަބުރުވެރި ތެދުވެރި އަމާނާތްތެރި އިހްލާސްތެރި ބަޔަކަށް ވާންޖެހެއެވެ. ވަކިން ހާއްސަކޮށް މީޑިޔާ ތަމްސީލްކުރާ ފަރާތެއްގެ އަބުރާއި ކަރާމާތް އިންތިހާއަށް އިތުރެވެ. އެހެންނަމަވެސް މިގައުމުގައި އެކަން ހިނގަނީ އެބީދައިން ހެއްޔެވެ. ކުށެއްގެ ތުހުމަތެއް ކުރެވިގެން އެއްވެސް މަގާމަކުން މީހަކު އިސްތިފާދީފި ހެއްޔެވެ؟

ދައުލަތުގެ ވަޒީރުންނާއި ފަޑިޔާރުންނާއި ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ ތެރޭގައި މިދެންނެވި ތުހުމަތުތައް ކުރެވޭ ބޭފުޅުން ގިނަ އެވެ. ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗައް ކަރަޕްޝަންގެ ދައުވާ އުފުލުލިފައިވާއިރު، އެމަނިކުފާން މަގާމް ހުންނެވުން އޯކޭ އެވެ. ފަޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ޖޭއެސްސީގެ މެމްބަރު އަދި ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ޝަރީފްގެ މަގާމުގައި ބަހައްޓަން ނުވާފަދަ އަމަލެއް ހިންގާފައިވާ ކަމަށް އޭނާގެ މައްޗައް ތުހުމަތު ކުރެވި އޭނާގެ މައްސަލަ އޭނާ ހިމެނިވަޑައިގަންނަވާ ޖޭއެސްސީން ބަލަމުންދާ އިރު، އެކަންވެސް ހަމަ އޯކޭ އެވެ.

ދައުލަތުގެ މަގާމުތަކުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވާ ބޭފުޅުނާއި މެދު ތުހުމަތުކުރެވި، ތަހްގީގް ހިންގަން ފެށުމުން އިސްތިއުފާ ދެއްވުމަކީ ނުހަނު ރީތި ސިފަ އެކެވެ. އެހެންނަމަވެސް މިގައުމުގައި އެކަން ހިނގަނީ އެބީދައިން ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!