މިހާރަކަށް އައިސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކު ބޭނުންވާ ގޮތަކަށް ކަންކަން ކޮށްފައި އެކަމުން ހޯދެން އޮތް އެންމެ ބޮޑު ފައިދާވެސް ހޯދާށެވެ! މީގެ އިތުރުން ދެކެނީ ކޮންމެ މީހަކީވެސް އޭނާއަށް ބޯލަނބައި ކިޔަމްނަތެރިވާންޖެހޭނެ މީހަކު ކަމުގައެވެ. އެންމެންވެސް އޭނާކުރާ ކޮންމެ ކަމަކަށް ރުހި ޤަބޫލުވާންޖެހޭނެކަމަށެވެ.
މިއީ ކޮންތާކުން ކޮންގޮތަކުން ހޯދައިގެން އުޅޭ ވިސްނުމެއްކަން އެނގޭނެ ގޮތެއް ނެތް ނަމަވެސް ދުނިޔޭގައި މިއަދު އެންމެ ބޮޑަށް ފެތުރިފައިވަނީ މިވިސްނުމެވެ. ”މަމީ އެންމެ މޮޅު، އެންމެން ޖެހޭނީ އަހަރެންނަށް ރުހެން! އަހުރެންނަށް އުފާހޯދައިދޭން“ ކަމުގެ ވިސްނުމެވެ.
މިސިޔާސަތު އަނބިންގެ މައްޗަކަށް ނުހިންގޭނެއެވެ. އަދި އެއްވެސް އަންހެނެއްގެ މައްޗަކަށް ނުހިންގޭނެއެވެ. ސަބަބަކީ އެމީހުންގެ ހިތަށް ބޮން އަޅައި ގޮއްވާލައިފިނަމަ ބައެއް ސަބަބުތައްޓަކައި އެމީހުން ވަކިވެގެން ނުގޮސް ތިބި ނަމަވެސް އެހިސާބުން އެމީހުންގެ ލޯތްބާއި އަޅައިލުން ނުވަތަ ”ހިތުލޯބިން ކަންކަން ކޮށްދިނުން“ އޮންނާނީ އެޅި ބޮމުގެ ސަބަބުން ގޮވައިފައެވެ. އެހިސާބުން ކަންކަން ކޮށްދޭނީ މުޅިން ތަފާތު ގޮތަކަށެވެ. ކޮންމެ ކަމެއްވެސް ކޮށްދޭނީ ކަމަކަށް ކަމެއް ކޮށްދޭ އުޞޫލުންނެވެ.
ކަންކަން ހިނގާ ގޮތް ނިކަން ރަނގަޅަށް ބަލައިލަބަލާށެވެ! މިބުނާ ޒާތަށް އެކަނބަލުންގެ ހިތް ގޮއްވާލުމުން ވާފޫހީގައި ޒުވާން އަންހެން ކުދިން ފިރިންނާއި ދުރަށް ޖެހޭ މިންވަރު އެނގޭ ހެއްޔެވެ؟ ނުހަނު ލޯބިން ކުރިން އެއްދާން ކުރިނަމަވެސް ހިތްގޮއްވާލުވުން ދެން އެކަންވެސް ވަޒީފާއެއް އަދާކުރާހެން ކުރާ އަންހެނުން މަދެއްނޫނެވެ. އަހުރެމެން ދެމަފިރިންވެސް ކޮންމެ ދުވަހަކުހެން އެފަދަ އެތައް ބައެއްގެ މައްސަލަތައް ޙައްލުކުރަން އެބަ އެހީތެރިވަމުއެވެ. ވީމާ މިވާހަކަތައް މިދައްކަނީ ވަތަށް ޔަޤީންކަމާއިއެކުގައެވެ.
ހިތުލޯބި ދިނުމުގައި މިފަދަ މައްސަލަތައް ކުރިމަތިވަނީ އެއީ މާބޮޑުކަމެއް ނޫންކަމަށް ދެކިގެން ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. ކޮންމެ ފިރިއަކީ ބައްދަލުވާ ކޮންމެ އަންހަނަކާ ޒިނޭކުރާ ފިރިހެނަކަށްނުވެދާނެއެވެ. ނަމަވެސް ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ކޮންމެވެސް މިންވަރެއް ލިބިގަންނަން ބޭނުންވާ ފިރިން ވަރަށް ގިނަވާނެއެވެ.
ދެންމިވާ ގޮތަކީ އެކަންކަން ސިއްރެއްވެސް ނުވެއެވެ. އަނބިމީހާ އާއި ހަމައަށް ދެއެވެ. ދަމުންދަމުން ގޮސް މައްސަލަތައް މާގިނަވީމާ ހިތް ބޮމެއްހެން ގޮވަނީއެވެ. އަނެއްބައި އަނބިންނަށް ކުރިމަތިވާ ގޮތް މާނުރައްކަލެވެ. ފިރިމީހާގެ އެބާވަތުގެ އެއްވެސް ކަމެއް ނުއެނގޭތީ ވަރަށް ބޮޑަށް އިތުބާރުކޮށްގެން ހުއްޓައި ކުއްލިއަކަށް އެތައް ބައިވަރު ކަންތައްތަކެއް އެއްފަހަރާ އެނގުމުން، ނުވަތަ ދިރިއުޅުން ޗޮކްހުންދާވަރުގެ ބޮޑުކަމެއް އެނގުމުން ހިތް ބޮމެއް ފަދައިން ގޮވަނީއެވެ.
މިފަދަ ކަންކަން އަނބިންގެ ފަރާތުން ކުރިމަތިވުމުން ފިރިހެނުންނަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. ނަމަވެސް ފިރިހެނުންގެ ކިބައިގައި ކޮންޓްރޯޅުކުރުމުގެ ހިތްވަރު ގަދަވަނީ މުޅިން ތަފާތު ސަބަބެއް އޮންނާތީއެވެ. އެއީ (ރަނގަޅު) އަންހެނުން ފަދައިން ފިރިހެނުން އެމީހުންގެ ހިތް އެކުގައި އަނބިމީހާއަށް ދެނީ ވަރަށް މަދު މީހަކު ކަމުގައިވާތީއެވެ.
ދެންވާގޮތަކީ ފިނިކޮށްލަން މަޑުކޮށްލަން ހިޔާ ލިބޭ ކޮންމެ ގަހެއްވެސް އޮންނަނީ ރަނގަޅު ގަހަކަށްވެފައެވެ. ނަމަވެސް މިއީ (ރަނގަޅު) އަންހެނުން ނާއި މުޅިން ތަފާތު ގޮތެކެވެ. ރަނގަޅު އަންހެނަކު ހުންނާނީ އޭނާގެ ހިތް އެކުގައި ފިރިމީހާއަށް ދީގެންނެވެ. އެހެން ހުއްޓައި މިބުނި ފަދަ ޙާލަތު ކުރިމަތިވުމުން ހިތް ބޮމެއް ފަދައިން ގޮވަނީއެވެ.
އަހުރެން ޚާއްޞަކޮށް ފިރިންގެ ގާތުގައި ބުނެލަން އޮތީ އަނބިމީހާ އާއިކު ޒަވާޖީ ޙަޔާތް ކުރިއަށް ގެނއދިއުމުގެ ނިޔަތް ބާއްވައިގެން ހުރިނަމަ އަނބިމިހާގެ ހިތަށް ބޮން ނުއަޅާށެވެ. ބޮން އެޅުމަށްފަހު ކުރިން ލިބުނު ފަދަ އުފާވެރިކަމެއް ލިބުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ!
[…] އިތުރަށް ވިދާޅުވޭ […]