މުޅި މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރާ ކުރިން ހަކަތަ އުފެއްދުމުގެ ނިޒާމަށް ބޭނުންވަނީ ވަކި ކޮލިޓީއެއްގައި ހުންނަ ކުނި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.
ރައްކާތެރިގޮތުގައި ކުނި މެނޭޖްނުކުރުމުގެ މައްސަލައަކީ ޒަމާންތަކެއްވީ މައްސަލައެކެވެ. މިކަމަށް ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ވަނީ ކުނި މެނޭޖްކުރުމުގެ ގާނޫނެއް އެކުލަވާލައި، ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. އަދި މި މަސައްކަތާ ގުޅިގެން ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަށް ވަނީ އަންގާފައެވެ.
ކުނި މެނޭޖްކުރުމަށް ތިލަފުށީގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށް ހޮނިހިރު ދުވަހު ވަނީ ފީލްޑް ޓްރިޕެއް ކުރިއަށްގެންގޮސްފައެވެ. ވެމްކޯއިން މިހާރު ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށްފަހު އެކުންފުނިން ބުނީ ކުރިއަށްއޮތްތަނުގައި ގާއިމްކުރާ ވޭސްޓް އެނަރޖީ ޕްލާންޓަށް ގެންދާ ކުނި ހުންނަންޖެހެނީ ވަކި ކޮލިޓީއެއްގައި، އެކި ކަހަލަ ކުނި ވަކިން ކަމަށެވެ.
ވެމްކޯއަށް ކުނި ގެންދާއިރު ކުނި ވަކިނުކޮށް ހުންނަނަމަ އެ މަސައްކަތަށް ބޭނުންވާ ކޮލިޓީއަށް ކުނި ގެނެސް، ކުނި ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނީ ވެމްކޯގެ މުވައްޒަފުން އެމީހުންގެ އަތުން ކަމަށާއި، މިއީ އެތައް ވަގުތެއް ހޭދަކޮށް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މިއި ބޮޑު ޚަރަދެއްވެސް ހިނގާ ކަމެއް ކަމަށާއި، މި ހުރިހާ ކަމަކަށްވެސް ހައްލު ލިބެން އޮތީ ކުނި އުފައްދާ ތަންތަނުން އެކުނި ވަކިކޮށް، ރަނގަޅު ގޮތުގައި ތިލަފުއްޓަށް ފޮނުވައިގެން ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އަދި 2023 ގައި ފަށާ ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ތައްޔާރުވެވެންވެސް އޮތީ މިހެން ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން ކުނިން ނަފާ ހޯދުމަށްވެސް މަސައްކަތް ފަށާފައިވާއިރު، އެތަކެތި އަނބުރާ މާކެޓަށް ނެރެވެން އޮތީވެސް ކުނި ވަކިކޮށްގެންކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.