ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް އެމަނިކުފާނުގެ ޅިޔަނު މުޙައްމަދު ޙަމީދު ހަމަޖެއްސީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިތުރުފުޅުހައްދަވައިފިއެވެ.
ރޭ ސަންގުޓީވީން ބޭއްވި ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމުގެ ވެރިކަމުގައި އެމަނިކުފާނާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތްތަކަށް ސިޔާސީ ނުފޫޒުން މަޤާމުތައް ދީފައިވާކަން ފާހަގަކޮށް ސުވާލުކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އާއިލާގެ އެއްވެސް މީހަކަށް އެއްވެސް މަޤާމެއް އެމަނިކުފާނު ދެއްވާފައި ނެތް ކަމަށެވެ.
އެގޮތުން ސުވާލުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ވާހަކަ ފާހަގަކުރުމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްއަށް ވަޒީފާ ދޭން ހުކުމްކުރީ ސުޕްރީމް ކޯޓުން ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއެއްގެ މަޤާމުގައި ހުންނެވިއިރު އިންޓެލިޖެންސް ޔުނިޓުގައި މަސައްކަތްކުރި ފުލުހުންގެ މައުލޫމާތު އާންމުކުރުމުގެ ތުހުމަތުގައި ޙަމީދު މަޤާމުން ވަކިކުރިއިރު އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައެވެ.
އޭނާ އެ މަޤާމުން ވަކިކުރީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމުގައި ކަނޑައަޅައި ސުޕްރީމް ކޯޓުން އޭނާ އެމަޤާމަށް އަލުން އިއާދަކުރަން ހުކުމްކުރީ ވެރިކަން ބަދަލުވުމުންނެވެ. އެ މަޤާމަކީ ފުލުހުންގެ އެގްޒެކެޓިވް ރޭންކުގެ ތިންވަނަ ދަރަޖައިގެ މަޤާމެއްކަމަށްވުމާއެކު، އެ މަޤާމުން ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ނުދެވޭތީ، އޭނާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓުކުރެއްވީ ރައީސް އިބްރާހީމެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް އޭނާ ޕްރޮމޯޓުކުރުމަށްފަހު، އެއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމްދޫނު މަޤާމުން ވަކިކުރައްވައި އެ މަޤާމަށް ޙަމީދު އައްޔަންކުރެއްވީވެސް ރައީސް އިބްރާހީމެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަކީ ފުލުހުންގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮންނަ ބާރެކެވެ.
ރައީސްގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އެމަނިކުފާނުގެ ކޮއްކޯފުޅު ފިޔަވައި އެއްވެސް މީހަކަށް އެމަނިކުފާނު މަޤާމެއް ނުދެއްވާކަމަށް ވިދާޅުވިއިރު ކޮމިޝަނާ އޮފް ޕޮލިސް ޙަމީދުގެ އަނބިކަނބަލުންނަށް މިފްކޯގެ ކޮންސަލްޓޭންޓުގެ މަޤާމު ހަމަޖައްސަވާފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމުގައިވެސް ހުންނެވީ ރައީސްގެ ޅިޔަނެކެވެ. އަދި ފަސްޓް ލޭޑީގެ އާއިލާ ވަރަށް ގިނަ ބޭފުޅުން އެކި ފެންވަރުގެ މަޤާމުތަކަށް ރައީސް އައްޔަންކުރައްވާފައިވެއެވެ.