ކުނި ވަކި ކުރަން އިތުރު ހަރަދެއް ދިއުން ބަލައި ނުގަނެވޭ: ސުޖާޢު
ދެންމެ | 29 މެއި 2022

ކުނި ވަކި ކުރުމަށް ރައްޔިތުންގެ އަތުން އިތުރު ހަރަދެއް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ މަހުން ފެށިގެން މާލެ ސިޓީގެ ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ކުނި ވަކިކޮށްގެން ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުން ނިންމުމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ކުނި ވަކި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ޖީބަށް ބަރު ނުވާ ގޮތަކަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކުނި ވަކި ކުރުމަށްޓަކައި ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އެކި ވައްތަރުގެ ކުނި ވަކިވަކި ކޮތަޅުތަކަށް އަޅަން ޖެހުމުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމުގަ އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުން ކޮތަޅުގެ އަގު ބޮޑު ކުރަން ނިންމި ނިންމުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމުގަ އެވެ. އަދި ކޮތަޅެއްގެ އަގު 2 ރުފިޔާ އަށް ބޮޑު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފުވެސް ވަނީ ވެމްކޯގެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސައިފް ވިދާޅުވީ ކުނި ވަކި ކުރަންޖެހެނީ ކިތަށް ކެޓަގަރީއަށްތޯ އާއި ކުނި ބަންދުކުރަން ޖެހެނީ ކޮން ގޮތަކަށްތޯ އަދި ކުނި ނެރެން ޖެހެނީ ކޮންތަނަކަށްތޯ ވެމްކޯއިން ބުނެދީފައި ނުވާ ކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ވާގޮތުން މާލެ ސިޓީގެ ކުނި މެނޭޖް ކުރުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތް ކަމުގައިވާ މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ވެމްކޯއިން މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމުގަ އެވެ.

ގުޅުންހުރި ލިޔުންތައް