ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެވެނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅިފައި އޮތުމުން ކަމަށް މި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އެކްޓިވިސްޓު، ޑރ.މުޙައްމަދު އިޔާޒު އަބްދުއްލަތީފުގެ ބައްޕަ ކަޅުބެ އަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ތާއީދުކުރާ ފަރާތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ”ގައުމު ސަލާމަތް ކުރަން“ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވަނީ ރައީސް ސޯލިހަށް ތާއިދު ނުކުރެވޭ ގިނަ ސަބަބުތަކެއް ވެސް ހާމަކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނުގެ މައްޗަށް ޒިނޭގެ ތުހުމަތު އޮތުމެވެ. އަދި އެ ތުހުމަތުތަކުން ބަރީއަ ނުވެ އިންތިހާބުގައި ވާދަކުރެވިގެން ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް އިބްރާހީމްގެ ކުރީގެ އެކުވެރިޔާ، ރައީސް މުހައްމަދު ނަޝީދެވެ.
”އިބޫ ސޯލިހަށްވެސް ތާއީދު ނުކުރެވެނީ އެކަހަލަ މައްސަލައެއް އޮތީމައޭ، ޝަރުއީ މައްސަލައެއް އޮތީމަ. އެއީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ހަމަ ފާޅުގައި އެތައް ބައެއްގެ ތެރޭގައި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު، މިހާރުގެ ރައީސް އެ ހުންނެވީ ޒިނޭ ކުރައްވައިގެންނޭ. އިބްރާހީމް މުހައްމަދު ސޯލިހަކަށް އަދިއަކު އެއަކުން ބަރީއައެއް ނުވެވޭ،“ އަބްދުއްލަތީފް ވިދާޅުވި އެވެ.
”ކޯޓު މެދުވެރިކޮށް ބަރީއަވާން ޖެހޭނީ، މީ ޝަރުއީ މައްސަލައެއް، ދީނީ މައްސަލައެއް. ހަމަ ތިމަންނަ ނުކުރަމޭ އެހެން ބުނެލީމަކާ ކަމަކު ނުދާނެ. ބަރީއަ ވާންޖެހޭނީ ކޯޓު މެދުވެރިވެގެން. އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހަކަށް އަދި މިފަހަރު [އިންތިހާބަށް] ކުރިމައްޗެއް ނުވެސް ލެއްވޭނެ އެ ތުހުމަތުތަކުން ބަރީއަ ނުވެއެއް.“
އެނާ ވިދާޅުވި ގޮތުގައި އެކަހަލަ ”ކަމުނުދާ“ ކިތަންމެ ކަމެއް ރައީސް އިބްރާހީމްގެ ފަރާތްޕުޅުން ވަނީ ފެނިފަ އެވެ. އެއީ މި ސަރުކާރުގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު ނޭޅުމާއި، އިންޑިއާއަށް ގައުމުގެ މިނިވަންކަން ގެއްލޭތީ އެވެ.
”ކަމުނުދާ ކަންތައްތަކެއް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ފެނުނު. ކުރީގައި ހަމަ ވަރަށް ތާއީދުކުރިން [ރައީސް އިބްރާހީމަށް]. އެކަމަކު ފަހުން ވީގޮތަކީ އޭނާގެ ފަރާތުން ފެނިއްޖެ ކަންތައްތަކެއް. އެއީ އަޅުގަނޑު މާކުރިން މައުމޫން ދުވަސްވަރުވެސް މައުމޫނާ ދިމާލަށްވެސް ވެރިކަމުގެ ނުވަވަނަ އަހަރު ސިޓީއަކުން ދެންނެވިން އެމީހެއްގެ އަނބިދަރިން އިސްލާހު ނުކުރެވޭ މީހަކަށް ގައުމެއް އިސްލާހެއް ނުކުރެވޭނޭ،“ އޭނާ ވިދާޅުވި އެވެ.
”އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އޭނާގެ އަނބިކަނބަލުން ހުކުރު ހައްޖެއް ލިބުނީމާ ހައްޖަށް ގެންގޮސްފަ، އެތާނގައި ބުރުގާ އަޅުއްވައިގެން އުޅުއްވާފަ ފަހުން އެ [ބުރުގާ] އެއްލާލައިފި. އެއްލާލައިފަ ފަހުން ރުހިގެން ގޮވައިގެން އުޅޭކަން މައްސަލައަކީ.“
އޭނާ ވަނީ ރައީސް އިބްރާހީމްގެ ދެވަނަ ދައުރެއްގައި ރާއްޖޭގެ ސްކޫލުތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން އުޅޭ އުޅުންވެސް އަބްދުއްލަތީފް ކުއްވެރިކުރި އެވެ.
”އަނެއްކާ ދީނަށް ފުރައްސާރަކުރި އެންމެން ގެންގޮސް [މި ސަރުކާރުން] ކާގެއަށްލީ…. އިންޑިއާގައި މުސްލިމުން އުޅޭ ހާލު އެބަ ފެނޭ. އެމީހުންގެ [އިންޑިއާގެ] ނުފޫޒު މިތަނަށް [ރާއްޖެއަށް] އަތުވެއްޖިއްޔާ ދީނީ މީހުންނަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ. މިހާރުވެސް އެކަންކަން އެހެރަ އަންނަނީ މަޑުމަޑުން ފެންނަމުން،“ އޭނާ ވިދާޅުވި އެވެ.
”މިހާރު ފަސް އަހަރުގެ ވެރިކަން ނިމުނީ. ނިމިއްޖެ. ދެން އިތުރަށް ކުރިމަތިލައްވަން ޖެހޭނީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަ އޭނާގެ [ރައީސް އިބްރާހީމްގެ] ބޮލުގައި އެޅިފައި އޮތް ޒިނޭގެ ތުހުމަތުން ބަރީއަވެގެެން. ހުވާ ކޮށްގެން ހުންނެވީ ވެސް ދީނާ އެއްގޮތަކަށް ކަންކަން ކުރަން. އެކަމަކު މިތަނުގައި ދީނާ ދެކޮޅަށް ފުރައްސާރަކުރީމާ ވެސް އެކަންކަމެއް ނުބެލުނު. އިންޑިއާ މީހުންނަށް އަޅުވެތިވެއްޖެ.“
މި ސަރުކާރުން ވަރަށް ބޮޑަށް ގައުމު ދަރުވާލާފައިވާކަން ވެސް އޭނާ ފާހަގަކުރި އެވެ. އަދި ރައީސް އިބްރާހީމްގެ ގޯސް ސިފަތައް ފާހަގަކޮށް ވިދާޅުވީ ޑރ. މުއިއްޒުގެ ފަރާތްޕުޅުން އެފަދަ އެއްވެސް ”ގޯސް ކަމެއް“ ނުފެންނަ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް