އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އެރަށަށް ދިމާވެފައިއޮތް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ޙޯދައިދިނުމުގެ ގޮތުން ސަރުކާރުން ފެށި މަޝްރޫޢެކެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެމްޓީސީސީން އިއްޔެ ވަނީ ހިލަ ޖެއްސުމުގެ މަސައްކަތް ފަށާފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަނީ ރަށުގެ ތިމާވެއްޓަށް ގެއްލުންނުވާނެގޮތަށް އެ މަޝްރޫޢު ޑިޒައިންކޮށްގެނެވެ.
މި މަޝްރޫއުގެ ޑިޒައިންކޮށްފައިވާ ގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިލަ ޖައްސާނީ ކަނޑު ތޮށި ޖަހާ އުސޫލުން ބައިބައި ވަކިން މޫދުގައެވެ. އަދި މިއިން ކޮންމެ ދެތޮށްޓެގެ މެދުގައި ރާޅު ވެއްދުމަށާ އޮއެވަރު ދެމުމަށް ޖާގައެއް ބާއްވާނެއެވެ.
ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، އަދި 490 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 96 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 22.14 މިލިއަން ރުފިޔާއެވެ.