ޑޮލަރު ނުލިބުމުގެ މައްސަލަ އިތުރަށް ގޯސްވެ، އެކަމުގެ އަސަރުތައް ރާއްޖޭގެ އިގްތިސާދަށް ކުރާ މިންވަރު މި އަހަރުގެ ތެރޭގައި ބޮޑުވެދާނެ ކަމަށް ވިދާޅުވެ ގައުމީ ބޭންކް، ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ މިރޭ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިރޭ ބީއެމްއެލްއިން ބޭއްވި އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަަކަ ދައްކަވަމުން ޓިމް ވިދާޅުވީ ރާއްޖެއަށް ”އިގްތިސާދީ ތޫފާނެއް“ އަންނަން އުޅޭ ކަމުގެ ވިލާތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި މާލީ ދާއިރާއަށް އިތުރު ވާދަވެރިންތަކެއް އައުމުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް ރާއްޖޭގައި ބޮޑުވެ، ޑޮލަރު ނުލިބުމުގެ މައްސަލަ ރާއްޖޭގައި ނާޒުކު ވާނެ ކަމަށެވެ. އަދި ދިގު މުއްދަތުގައި ޑޮލަރުގެ މާކެޓް ރާއްޖޭގައި ހަމަޔަކަށް އަޅުވަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ދިމާވެއްޖެ ނަމަ މަނީ ލޯންޑަރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ މިންވަރު ވަޒަންކުރާ ބައިނަލްއަގުވާމީ މިންގަނޑު، އެފްއޭޓީއެފްގައި ރާއްޖޭގެ ދަރަޖަ މިއަހަރު ފަހަތަށް ދާނެ ކަމުގެ އިންޒާރުވެސް ޓިމް ދެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔެއަށް މިހާރު ކުރިމަތިވަމުން އަންނަ ސީރިއަސް ރިސެޝަންގެ އަސަރުތައް ރާއްޖެއަށް ފޯރަން ފަށާނެ ކަމަށެވެ.
ކާބޯތަކެއްޗާއި ތެލުގެ އަގުތައް ހަލުވިކަމާއެކު އުފުލި އިންފްލޭޝަންގެ އަސަރު ޖަޒީރާ މި ގައުމަށް މިހާރުވެސް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”ޓީވީ ޝޯ ގޭމް އޮފް ތްރޯންސް ބެލި ފަރާތްތަކަށް ހަނދާން ހުންނާނެ އެންމެ ގިނައިން އެ ސީރީޒްގައި ތަކުރާރުކޮށް ބުނާ އެއް ވާހަކައަކީ ވިންޓާ އިޒް ކަމިން [ފިނި މޫސުން އެބަ އާދޭ] އޭ. އެންމެހާ ބޭފުޅުން، އެ ފިނި މޫސުން ރާއްޖެއަށް އަތުވެދާނެ ކަމަށް ބަލައި ބީއެމްއެލްއިން މި އަންނަނީ އެކަމަށް ތައްޔާރުވަމުން. އަޅުގަނޑުގެ ސުވާލަކީ ގައުމީ ފެންވަރެއްގައި މިކަމަށް ތައްޔާރުވާން މުޅި ގައުމުގެ އެންމެން ކުރަނީ ކޮންކަމެއްހޭ؟،“ ޓިމް އެއްސެވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންއިން މިފަހުން ލަފާކޮށްފައިވާ ގޮތުގައި ރިޒާވް މަދުވެ ދަރަނި ނުދެއްކި ސޮވަރިން ޑީފޯލްޓަކަށް ދިއުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެކަން ދޮގު ކުރައްވައި ރާއްޖެ ދަރަނި ނުދެއްކޭނޭ ހާލަތަކަށް ނުދާނެ ކަމަށް ވިދާޅުވެ ޖޭޕީ މޯގަންގެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.