މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ތިބި 39,911 މީހުން ޕާޓީގެ މެންބަރޝިޕް ސައްހަ ކުރުމަށް އަންގައި، އެފަދައިން ކަންތައް ނުކޮށްފިނަމަ ޕާޓީގެ މެންބަރު ކަމުން ވަކިވާނެ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
ރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި އެ ޕާޓީގެ މެންބަޝިޕް ސާފުކުރަން ޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު ވަނީ ހުށަހަޅުއްވާފައެވެ.
ވަހީދުގެ މި ގަރާރާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމެވި ނިންމެވުމުގައި ބުނީ، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ބަލަމުންދާ ޕާޓީގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ އެހެނިހެން ޕާޓީތަކުގެ މެންބަރުން ހިމެނިފައި ވުމުގެ ސަބަބުން، ޕާޓީގެ އިންތިހާބުތަކާއި، ޕްރައިމަރީ ތަކުގައި އެ ޕާޓީއަށް ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެންޑިޑޭޓުން ހޮވުމުގެ ފުރުސަތު އޮތް ކަމަށާއި، އަދި ޕާޓީއަށް އެއްވެސް މާލީ މަންފާއެއް ނުކުރާ ގޮތަށް ހަމައެކަނި އިންތިހާބު ތަކުގައި ވޯޓުލުމަށް ކެންޑިޑޭޓުން ތިބި ކަމަށެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެޕާޓީގެ މެންބަރަކު އެހެން ޕާޓީއަކަށް ސޮއި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރި ވެއްޖެ ނަމަ ޕާޓީން ވަކިވާނެ ކަމަށް އޮންނަ ކަމަށާއި، އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވެސް އެކަކަށް އެއްފަހަރާ ދެ ޕާޓީއެއްގައި ނުހުރެވޭނެކަމަށް އޮންނަ ކަމަށް ވާއިރު، މިވަގުތު އެޕާޓީން ބަލަހައްޓަމުންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީ ދަފްތަރުގައި ހިމެނޭ 54,599 މެންބަރުންނަކީ ޕާޓީގެ ރަސްމީ ދަފްތަރު ކަމަށް ގައުމީ މަޖިލީހުގެ އެ ޖަލްސާ އިންވަނީ ނިންމަވާފައެވެ. އަދި ދެންތިބި 39,911 މީހުންނަށް އެމްޑީޕީގެ މެންބަރުކަން ސައްހަ ކުރުމަށް އެއްމަސް ދުވަސްވީ އެ މުއްދަތުގައި މެންބަޝިޕް ސާފުނުކުރާ މީހުން މެންބަރުކަމުން ވަކިވީ ކަމަށް ނިންމަވާނެ ކަމަށް ވެސް އެ ޖަލްސާގައި ވަނީ ކަނޑައަޅައިފައެވެ.
އަދި މީގެ ފަހުން އެމްޑީޕީގެ މެންބަރުކަން ގަބޫލުކޮށް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ހައްގުތައް ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީ ދަފްތަރުގައި ރެޖިސްޓަރ ކުރުމުންކަމަށްވެސް އެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ފާސްކޮށްދެއްވުމަށް އެދި ޕާޓީގެ ނާއީބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރުވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެހެން ކަމުން މީގެ ކުރިން މިއަހަރުގެ އޮގަސްޓު 4 ގައި ބާއްވަން ހަމަޖެހުނު ކޮންގްރެސް ދެން އޮންނާނީ އޮގަސްޓު 14 ގައި ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
އެމްޑީޕީގެ ރޭގެ ބޭއްވުނު ގައުމީ މަޖިލިސް ޖަލްސާ އަކީ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެެއްވުމަށްފަހު މިނިސްޓަރު ފައްޔާޟު ފުރަތަމަ ފަހަރަށް ރިޔާސަތު ބެލެހެއްޓެވި ޖަލްސާއެވެ. މި ޖަލްސާގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންވި އެވެ.