މާލެއަށް މިއަދު ވާރޭވެހި މަގުމަތީގައި ފެންބޮޑުވެފައި
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންވަދެގެން 57 ގެއަކުން ރިޕޯޓްކޮށްފިއެވެ.
މެންދުރު، ގުގުރުމާއެކު ބޯކޮށްވާރޭ ވެހެން ފަށާފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމް) އިން ބުނީ، ފެން ވަދެގެން ރިޕޯޓްކުރި ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށް އެ އިދާރާއަކުން ނުބުނެއެވެ.
ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސް އާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންގެ އިތުރުން ސިޓީ ކައުންސިލުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް 14 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ފުލުހުން ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެ އިދާރާއިން މަގުމަތީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެހެންވެ މި ދަނޑިވަޅުގައި މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލު ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.