އެމީހަކު ގެންގުޅޭ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ވަޒީފާއަށް ނުރައްކަލެއް ނާންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅު ނިލަންދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް ރައްޔިތަކު ގެންގުޅޭ ސިޔާސީ ވިސްނުން އެމަނިކުފާނަށް މުހިންމު ނޫން ކަަމަށާއި ބޭނުންފުޅުވަނީ ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީ ކަމަށާއި ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުއްޓަސް ކޮންމެ ރައްޔިތަކު ވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތު އެހާ ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް އެކަމާ ދެކޮޅަށް ބައެއް ބޭފުޅުން ވާހަަކަ ދައްކަވާތީ ހިތާމަ ކުރަށްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އެމީހަކު ހުރި މަގާމެއް އެމީހަކު އެއީ ސިޔާސީ ކޮން ވިސްނުމެއްގައި ހުރި މީހެއްތޯއެއް ނުބަލާނަން. އެމީހަކަށް ދޭން ޖެހޭ ހިދުމަތެއް ދިނުމުގައެއް، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ސިޔާސީ ފޯރިއެއްގައި ވިޔަސް، އަދި ޖަޒުބާތެއްގައި ވިޔަސް މި ގޮތަށް މިހާ ސާފުކޮށް [އޮތް] އަޅުގަނޑުގެ ސިޔާސަތަކާ ދެކޮޅަށް، ހިލާފުވާ ގޮތަށް ވާހަކަ ދެއްކުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް.“ ޕީއެންސީގެ ފަރާތުން ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންނާއި ވަކިން ހާއްސަކޮށް ފެލިވަރު ކާރުހާނާގައި މަސައްކަތްކުރާ މުވައްޒަފުން ’ކޮންޓްރޯލް‘ ކުރުމަށާއި އެއްބާރުލުން ނުދީފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލާ ދެއްކި ވާހަކަތަކާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރަށްވައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސިޔާސީ ވިސްނުމެއްގެ ސަބަބުން ރައްޔިތުންގެ ވަޒީފާއަށް އެއްވެސް ނުރައްކަލެއް ނާންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި ސިޔާސީ ބަދަލު ހިފުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުން ޖަލަށް ލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ބޭނުމަކު ދެއްކެވި ވާހަކަ އެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.