ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ މަންފާ، ކައުންސިލުތަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ކައުންސިލްތަކުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަން ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވާފައިވާކަމަށް އަމީން ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ސަރުކާރުން ޑރ. މުއިއްޒު ނިންމަވާފައި އޮތީ، ކައުންސިލްތަައް ބާރުވެރިކުރުވުމަށްޓަކައި އެ ބޭފުޅުންނަށް ލިބެން އޮތް އެންމެ ބޮޑު މިނެއްގައި އެ ބަޖެޓްތައް ދޫކުރެއްވުން، ހަމަ އެއާއެކީގައި ކައުންސިލްތަކުން ކުރާ މަސައްކަތަކަށް އެ ހިދުމަތަކަށް އަގު ނުލިބޭ ކަމަށްވަންޏާމުން ދަތިތަކެއް ކުރިމަތިވާނެކަން އަޅުގަނޑުމެންނަށް އެނގޭ،“. ވަޒީރު ވިދާޅުވިއެވެ.
މިހާރު ލައިސަންސް ދޫކުރުމުގެ ޚިދުމަތަށް ދައްކަން ޖެހޭ ފައިސާ ދައްކަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށެވެ. އެހެންކަމުން އެ ޚިދުމަތުގެ އެއްވެސް ނަފާއެއް ކައުންސިލްތަކަކަށް ނުލިބެއެވެ.
”އިރާދަކުރެއްވިއްޔާ މި އަންނަ މަހުގެ 1 އިން ފެށިގެން ލައިސަންސްގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލްތަކަށް، އެ މަސައްކަތުގެ ހައްގު އެ ލިބެން ޖެހޭ ފީއަކީ އެ ކައުންސިލްތަކަށް ލިބެން ޖެހޭ ފީއެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖައްސާފައި އޮންނާނީ،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ކަނޑުދަތުރުކުރާ އުޅަނދުތައް، އަހަރަކު އެއްފަހަރު ހައްދަންޖެހޭ ސަލާމަތީ ސެޓްފިކެޓް އައު ކުރަންޖެހޭ މުއްދަތުވެސް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މި މުއްދަތު އިތުރުކުރަން ނިންމާފައިވަނީ 5 އަހަރަށެވެ.
”ބޭނުންވަނީ ޚިދުމަތް ހޯދުމުގައި ލުއިކޮށްދިނުން. ކުޑަ ބޮއްކުރާއެއް ގެންގުޅޭމީހާވެސް އަހަރަކު އެއްފަހަރު ސެޓްފިކެޓް ހައްދަންޖެހޭ. އެހެންވީމަ އެކަމަށް ލުޔެއް މި ގެނައީ. އެކަމަކު އުޅަނދުތަކުގެ ސަލާމަތީ ކަންކަން އަހަރަކު އެއްފަހަރު އުސޫލުން ބަލަމުންދާނަން.“ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ސެޓްފިކެޓް ހައްދަންޖެހޭ މުއްދަތު އިތުރުކުރިނަމަވެސް، އުޅަނދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން ކުރަންޖެހޭ ކަންކަން ޤަވާއިދުން ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.