ލ. އިސްދޫ އަދި ކަލައިދޫގެ އިހުތިސާސް ސަރުކާރުން ކަނޑައެޅިއިރު ކަލައިދޫއަށް ދިން ބިން މާ ބޮޑުކަމަށް ބުނެ އިސްދޫ ކައުންސިލް ދޮށުގައި ކުރަމުން ގެންދާ މުޒާހަރާގައި، އެރަށުގެ ބައެއް ރައްޔިތުން އެދެނީ ދެ ރަށް ދެމެދުގައި އިން ފާރެއް ރާނައިގެން ބިން ވަކިކުރަންކަން އެނގިއްޖެއެވެ.
އިސްދޫ އަންހެނުން މިއަދު ކައުންސިލް ދޮށަށް އެއްވެ މުޒާހަރަ ކުރަމުން އަންނައިރު، ބައެއް މީހުން ގެންދަނީ ސޯސަލް މީޑިއާގައި ވެސް އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ.
ބައެއް މީހުން އެދެނީ ދެރަށް އެއްކޮށް އެއް ކައުންސިލެއްގެ ދަށުން ހިނގުމަށެވެ. އަނެއްބައި މީހުން ބުނަނީ ދެރަށް ވަކިކުރި އަސް އެއްހަމައެއްގައި ވަކިކުރަންޖެހޭނެކަމަށެވެ.
މިގޮތުން ސޯސަލް މީޑިއާގައި ހިޔާލު ފާޅުކުރި ހަސަން ކިޔާ އިސްދޫ މީހަކު ބުނެފައިވަނީ ”އިންފާރެއް“ ދެ ރަށް ވަކިކުރަން ބޭނުންވާކަމަށެވެ.
”އިސްދޫގެ ލޮބުވެތި އަންހެން ރައްޔިތުން ރަށުގެ އިހުތިސޯސް އިންސާފުވެރިކަމާއެކު ކަނޑައަޅައިދިނުމަށް އެދި ކުރަމުންދާ މުޒާހަރާގެ އަޑު ސަރުކާރުން އައްސަވައި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކުގެ އަރިހުން އެދެން. ރައްޔިތުން އެބުނަމުންދާާގޮތައް، މީ އިސްދޫގެ ބިން. އިސްދޫ ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވާ. ކަލައިދޫއާއި އިސްދޫގެ އިންފާރު ވަކިކޮށްދެއްވާ“ އިސްދޫ މީހަކު ސޯސަލް މީީޑިއާގައި ލިޔެފައިވެއެވެ.
މީގެ ކުރިން ވެސް އެފަހުން ގުޅިފައިވާ މި ދެރަށު ދެމެދުގައި ރައްޔިތުން ވަނީ ކޯރު ކޮނެގެން ވެސް ދެ ރަށް ވަކި ކުރުމަށް މަސައްކަތް ކޮށްފަ އެވެ.