ސަރުކާރުން ބަސް ނާހައިފިނަމަ، ކުރަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށް އެމްޑީޕީގެ ސްޕެޝަލް އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފ.މަގޫދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާ އެއްގައި، މިދިޔަ ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ، މިވެރިކަމުގައި ތިބި މީހުން މިހާރު ވެސް ފެއަށް ޖައްސަން ޖެހޭ ކަމަށާއި، އަސާސީ ހިދުމަތްތައް ވެސް ވަކި ބަޔަކަށް ނުދިނުމަށް ގޮވާލަމުންދާ ކަމަށެވެ.
”އިހަށް ދުވަހު މި ދެންނެވީ، ތިމަންނަމެން ޕާޓީ ނޫން މީހަކަށް ކަރަންޓު ނުދޭނެ ވާހަކަ. މީ ކޮންކަހަލަ ވާހަކައެއްތޯ؟“ ސޯލިހު އެއްސެވިއެވެ.
”މިފަދަ ބަޔަކު ހެޔޮ ނުވާނެ ވެރިކަމުގަ، އިތުރަށް އެއް ދުވަހުވެސް ބަހައްޓަން.“
ސޯލިހު ވަނީ މިކަން ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
”އަދި އަޅުގަނޑުމެންގެ ބަސް ނާހައިފި ކަމަށް ވަންޏާ، ދެން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާނަން.“ ސޯލިހު އިތުރަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އަކީ ގާނޫނު ހެދުން ކަމުގައިވާއިރު، އެމްޑީޕީއަށް އެ މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، އަނެއްކާ ވެސް ތަރައްގީ ގެނެސްދޭނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.