ކުރީގެ ލޯބިވެރިޔާ އަތުން ހޯދި 82،000ރ. އަނބުރާ ދައްކަން ހުކުމްކޮށްފި
ދެންމެ | 06 މާރޗް 2022

ކުރީގެ ލޯބިވެރިޔާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާ އަތުން ހޯދި 82،000ރ. އަނބުރާ ދައްކަން ފިރިހެނެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އޭނާ އަތުން ހޯދި 4،300 ޑޮލަރު (66،000ރ.) އާއި އިތުރު 37،000ރ. ގެ މައްސަލައެއްގަ އެވެ. އޭގެ ތެރެއިން 21،000ރ. ފުލުހުން މެދުވެރިކޮށް އަނބުރާ ލިބުނަސް، ބާކީ ހުރި ފައިސާ ނުލިބުމުން އަންހެން މީހާ ކޯޓުގައި ދައުވާކުރި އެވެ.

ފިރިހެން މީހާ ކޯޓުގައި ބުނީ ލޯބީގެ ގޮތުން ދެ މީހުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާއަށް އަންހެން މީހާ ޚަރަދުތަކެއް ކުރި ކަމަށާއި އެކަމަކު އެއީ އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާއެއް ނޫން ކަމަށެވެ. އަދި އެ ފައިސާ ހޯދަން އުޅެން ފެށީ ދެ މީހުން ވަކިވުމުން ކަމަށް ފިރިހެން މީހާ ބުނެފައިވެ އެވެ.

ކޯޓުގެ ހުކުމުގައިވަނީ ދެ މީހުންގެ ދެމެދުގައި އޭރު ލޯބީގެ ގުޅުމެއް އޮތަސް، އަންހެން މީހާއަކީ ފިރިހެން މީހާއަށް އެއްވެސް ޚަރަދެއް ކުރަންޖެހޭ ފަދަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އެ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ނުވަތަ ހަދިޔާއެއްގެ ގޮޮތުން ދިން ފައިސާއެއް ކަން ގާނޫނީ ގޮތުން ފިރިހެން މީހާ ސާބިތުކޮށް ދޭންޖެހޭނެ ކަމަށާއި އެކަމަކު އެފަދަ ހެއްކެއް ނެތް އޭނާއަށް ދެއްކިފައިނުވާ ކަމަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެފަދަ ހާލަތްތަކުގައި ފައިސާ ދައްކަން ނުޖެހޭނީ ފައިސާ ދިން މީހަކީ ފައިސާ ލިބުނު މީހާއަށް ޚަރަދު ކުރަންޖެހޭ ފަދަ މަގާމެއްގައި ހުރި މީހަކަށް ވުމުން ނުވަތަ އެއީ ހަދިޔާއެއްގެ ގޮތުން ދިން އެއްޗެއް ކަން ސާބިތުކޮށްދީގެންނެވެ. އެކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނަނީ ފައިސާ ލިބުނު މީހާއަށެވެ.

ފިރިހެން މީހާގެ ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައި އަންގާފައިވަނީ އެއް މަސް ތެރޭގައި 4،300 ޑޮލަރާއި 16،000ރ. ކޯޓަށް ދެއްކުމަށެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ނުވަތަ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އަންހެން މީހާ އަތުން ހޯދި ފައިސާތައް ދައްކަން މީގެކުރިން ވެސް ބައެއް މީހުންގެ މައްޗަށް ކޯޓުތަކުން ހުކުމްކޮށްފައިވެ އެވެ. އެ ހުކުމްތައް ހައި ކޯޓުން ދަމަހައްޓާފައި ވެސް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!