ދިވެހިން ބޭނުންވަނީ ކަންކަން އަމިއްލައަށް ނިންމަންކަން މިހާރު ވަރަށް ސާފުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އެކަން ފާހަގަކުރުމަށް ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިއީ ފަހުރުވެރި ގައުމެއް ކަމަށާއި، ދިވެހިންނަކީ މިނިވަން ކަމަށް ލޯބި ކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށްވެސް ސާފުވާންވާނެ ކަމަށެވެ.
”ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށްވެސް މިހާރު ސާފްވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ޔަގީންވޭ، ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން، އަޅުގަނޑުމެންމީ ފަހުރުވެރި ދިވެހި ގައުމެއް. އަޅުގަނޑުމެންނަކީ މިނިވަން ކަމަށް ލޯބި ކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށްވެސް، މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީ ހުރިހާ ފަރާތްތަކަށްވެސް ސާފްވާން ވާނެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުަގަނޑުމެންގެ އަމިއްލައަށް ކަންކަން ނިންމަންކަން، މުހިންމީ ދިވެހީންގެ ކަންކަން ދިވެހިން ބަސް ބުނެ، ދިވެހިން ބޭނުންވާ ގޮތަކަށް ކުރަންކަން މިހާރު ސާފް ވާނެ،“
ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ހަލާކުވެ ނެތިވަމުން ދިޔަ، އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށް، މި ފަސް މަހު ކުރެވުނު މަސައްކަތް ވަރަށް ގިނަކަމަށާއި، ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީސް ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށާ، ފުރިހަމަ ކުރުމާއި އެކީގައި ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ފުރިހަމަ ކޮށްދިނުމަށް ކުރާ ބުރަ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
މުޅި ގައުމު އެކައްޗެއް ކިޔާ، ދިން މެސެޖަކީ ބޭނުންވަނީ ވާހަކަދެއްކުމުގެ ބަދަލުގައި އަމަލުން ކަން ކުރުންކަމަށާއި، ދެން ފެންނާނީ އަމަލުންކަން ކުރާތަން ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ މިންވަރުގައި، މަސައްކަތް ކޮށް ހުރިހާ މާނައެއް މި ގައުމުގައި ހަމަޖެހުންގާއިމްކޮށް، ރަައްޔިތުން އެދޭ ތަރައްގީ ހުރިހާ މާނައެެއްގައި ގެނެސްދިނުމަށް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.