ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިތާ މިހިނގާ އެޕްރީލް މަހުގެ 17 އަށް މިވީ އެންމެ ފަސް މަސް ދުވަހެވެ. ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ވެރިކަން ކުރައްވަން ފެއްޓެވިތާ އެންމެ ފަސް މަސް ދުވަހުން ރާއްޖޭގެ އެންމެ ގިނަ ބައެއްގެ އިތުބާރާއި ތާއީދާއި ލޯބި އޮތް ސިޔާސީ ލީޑަރަކަށް ނުވަތަ ރައީސަކަށް ރައީސް ޑރ. މުހައްމަދު ވެގެންދިޔަ ސަބަބާއި މެދު ސުވާލު އުފައްދާނެ އެއްބަޔަކީ ރާއްޖޭގެ އިސް ސިޔާސީ ލީޑަރުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސް މުއިއްޒަށް ވުރެ ދޮށީ ބޭފުުޅުންނެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ކުރީން ރައީސްކަމާއި މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ރައީސް ކަމާއި މުޅި ސިޔާސީ ހަޔާތުގައި ބޮޑެތި ސިޔާސީ ޕާޓީތަކުގެ ރައީސްކަން ކުރެއްވި ބޭބޭފުޅުންނެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ކުރިމަތިލެއްވި ގައުމީ ތިން އިންތިޚާބުގައި ވެސް ވާދަކުރެއްވީ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ތަޢާރަފުކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށް އަދި ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ހަރަކާތްކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާއެވެ. އެގޮތުން ޑރ. މުއިއްޒު އެންމެ ފުރަތަމަ ސިޔާސީ ގޮތުން ގައުމީ އިންތިހާބެއްގައި ވާދަކުރެއްވީ މާލޭ މޭޔަރު ހޮވުމަށް އެންމެ ފުރަތަމަ ވަކިން ބޭއްވި އިންތިހާބުގައެވެ. އެއީ ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމު ގާއިމުކޮށް އާ ގާނޫނު އަސާސީގެ ދަށުން އުފަންވި ކައުންސިލް ތަކުގެ ދާއިރާތަކުގެ ތެރެއިން އެމްޑީޕީން ރަސްކަން ކުރަމުން ގެންދިތަ މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބެވެ. އެއަށްފަހު މޭޔަރު ކަމުގެ ދައުރު ހަމަނުވަނީސް ދެން އެމަނިކުފާނު ކުރިމަތިލެއްވީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބާއެވެ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ހުސްވި އަހަރު ބޭއްވި ރިޔާސީ އިންތިޚާބެވެ.
ވަރަށް ހަނި އުނދަގޫ މަގަކުން އޭރުގެ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެން ވަރަށް ހިކުމަތްތެރިކަމާއެކު އެއިންތިޚާބަށް ނުކުމެ ވަޑައިގެންނެވި އިރު މުޅި ކޯލިޝަން ވެސް އޮތީ ދެބައިވެ ދާނެ ކޮޅެއްވެސް ނޭގޭފަދަ ހާލަތެއްގައެވެ. އެހާލަތުގައި ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ގިނަ ލީޑަރުން ޖެހިލުންވާ ރައީސް ޔާމީންގެ ވިސްނުންފުޅާ ވެސް ދެކޮޅަށް ވަރަށް ހިތްވަރާއެކު ނުކުމެވަޑައިގެން އިންތިޚާބުގައި ވާދަކުރެއްވީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެވެ. ވެރިކަމުގެ އާރާއި ބާރާއި ނުފޫޒާއި ދެކޮޅަށް ޑރ. މުއިއްޒު އިންތިޚާބަށް ނުކުމެވަޑައިގެން ފުރަތަމަ ބުރުން ވެސް ބޮޑު ކާމިޔާބެއް ހޯއްދަވައިގެން ދެވަނަ ބުރުން ވެސް އެމްޑީޕީ ބަލި ކުރެއްވީ އެމަނިކުފާނާ ދިމާއަށް ޒާތީ ގޮތުން އައި ވަރުގަދަ ހަމަލާތަކާއި ދޮގު ތުހުމަތުތަކާއި ހުތުރު ފާޑުކިއުންތަކާއި މަލާމާތަށް ބެލުމެއް ނެތި އެވެ. އެމަނިކުފާނު ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓާއި އިދިކޮޅު ފަރާތްތަކުން ޒާތީ ގޮތުން ކިޔަމުން އައި އެއްޗެހީގެ ރައްދުގައި އެއިން އެއްވެސް ބޭފުޅަކަށް ރައްދުވާ ގޮތުން ޒާތީ ގޮތުން އެއްވެސް ހުތުރު ބައެއް ވިދާޅު ނުވެއެވެ.
ހުސްވި އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ކުރިމަތި ލެއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެމަނިކުފާނު ރައްޔިތުންނަށް ވިއްކެވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކެވެ. ބާރު ސްޕީޑްގައި އެވަޢުދުތައް ފުއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަމުގެ ވާހަކައެވެ. އަދި ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވައި މަޖިލީހުގެ އަޣުލަބިއްޔަތު ދީފިނަމަ އެވަޢުދުތައް ބާރު ސްޕީޑުގައި ރަނުން ރަނަށް ފުއްދުމަށްފަހު އެއަށް ވުރެ އިތުރަށް ވެސް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ. ކުރީގެ ވެރިކަމުގައި ގައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި ގައުމުގެ އިގުތިޞާދު ކޮޅަށް ޖައްސަވައި މާލީ ފުދުންތެރިކަން އިތުރު ކުރަށްވައި ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނަސްދެއްވައި އިސްލާމު ދީނުގެ ވަހުދަތު ވަރުގަދަ ކުރަށްވައި ބީވަމުންދިޔަ ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯއްދަވައި ދިވެހީން ގޮވައިގެން ހަގީގީ ދިވެހީންގެ ރާއްޖެއަށް ދަތުރުފުޅު ކުރައްވާނެ ކަމުގެ ޔަގީންކަމެވެ.