މިދިޔަ ސިޔާސީ އިންތިހާބްގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަކަށް ހުންނެވީ މިހާރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މަގާމްގައި ހުންނެވި އަހުމަދު ޝަރީފެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ގާތް ބޭފުޅެއްކަމަށް ވެސް ވެދާނެ އެވެ. ތެދެކެވެ. އޭނާ އެމަގާމަށް އަންޔަންކުރީ ވެސް ސީދާ ޕީޕީއެމްގެ ފުރިހަމަ ތާއީދާއި މަދަދާއި އެކުގަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބަށް ފަހު އޭރުގެ ސަރުކާރާއި ސީދާ ރައީސް ޔާމީން ވެސް ވަނީ ޝަރީފްގެ ބޮލުގައި ހަޑި ހުތުރު ބަދުނާމްތަކެއް އަޅުވާފަ އެވެ. އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި ޝަރީފް އިސްވެ ހުންނަވައި ރިޔާސީ އިންތިހާބް ވަގަށް ނަނގާފައިވާ ކަމަށް ބުނެ އެތައް މުޒާހަރާތަކެއް ކުރި އެވެ.
މިހާރު ވެސް ރައީސް ޔާމީން ބުނަމުން ގެންދަނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އިލެކްޝަން ކޮމިޝަނުގެ ތެރެއިން ވޯޓު އޮޅުވާލައިގެން ކޯޓު މެދުވެރިކޮށް ކަމަށެވެ.
ރައީސް ޔާމީނާއި ޕީޕީއެމުން ކުރަމުންދިޔަ ތުހުމަތުތަކަށް އިތުރު ޔަގީންކަމާއި އެކު ކަށަވަރު ކޮށްދިނީ ރައީސް ސޯލިހްގެ ސީދާ އެންގެވުމަށް ޝަރީފަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް ހަމަޖެއްސެވި ހިސާބުންނެވެ.
ހަތަރު ޕާޓީގެ މައްޗައް އެކުލެވިގެންވާ ކޯލިޝަން ސަރުކާރުގައި ޝަރީފަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވަޑައިގަންނަވާ ނުފޫޒު ގަދަ ބޭފުޅެއް ނޫނެވެ. އިތުރަށް އުފެދޭ ސުވާލަކީ ޝަރީފަށް މަގާމް ދެއްވީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ޕާޓީތަކުގެ ތެރެއިން އެއްވެސް ޕާޓީއެއްގައި މިމަގާމަށް އެކަށޭނެ ގާބިލް މީހަކު ނެތިގެން ތޯ އެވެ؟ ނޫނީ ހަމަ އިންޖީންގެ ހިންގަން ހަމަ ޝަރީފް އެހާ މޮޅީ ތޯ އެވެ؟ ނުވަތަ ޝަރީފްގެ ކުރިމަތީގައި ރައީސް އާއި ސަރުކާރު ކުޑަކަކުލަށް ތިރިވެ، ’ކޮމްޕްރަމައިޒް‘ ވީ ތޯ އެވެ؟
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް މަގާމަށް އަންޔަން ކުރައްވާފައި ވަނީ ރައީސް ނަޝީދާއި އެހެންވެސް ބައެއް ކޯލިޝަންގައި ހިމެނިވަޑައިގަންވާ އިސް ބައެއް ބޭފުޅުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ސޯލިހަށް ލަފާވެސް އަރުވާފައި ވަނިކޮށް ސީދާ ރައީސް ސޯލިހްގެ އަމުރަށެވެ.
ޝަރީފަށް މަގާމްދެއްވުން ގޯހީކީ ނޫނެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ފެށިގެން މިއަދާއި ހަމައަށް ރާއީސް ޔާމީނާއި ޕީޕީއެމުން ކުރެހި ކުރެހުމުގައި ކުލަ ޖައްސާލަ ދެއްވީ ސީދާ ރައީސް ސޯލިހް ނޫން ހެއްޔެވެ. ރައީސް ސޯލިހް އެކުރެހުން ފުރިހަމަ ކޮށްލަ ދެެއްވައިފި އެވެ.