މިދިޔަ އާދިއްތަ ދުވަހު ބޭޢްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން މެމްބަރުންގެ ގޮތޮގައި ވާދަކުރައްވައި ހޮވިވަޑައިގަތުމަށް ފަހު ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ސޮއިކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ކުރީގެ ސައިންސް މިނިސްޓަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލު ތުހުމަތު ކުރައްވައިފި އެވެ.
އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ހަ ކެނޑިޑޭޓުން ޕީއެންސީއަށް ސޮއިކުރީ މިއަދު އެވެ، އެކަން ޕީއެންސީން ވެސް މިއަދު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހުރާ ދާއިރާއަށް ހޮވުނު ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް ހޮވުނު އެ ދާއިރާގެ މިހާރުގެވެސް މެމްބަރު ހަޒަން ޒަރީރު، މައްޗަންގޯޅީ މެދުދާއިރާއަށް ހޮވުނު އަހުމަދު ޒަމީރު، ވިލިނގިލީ ދާއިރާއަށް ހޮވުނު އާދަމް އަބްދުލް އަޒީޒް، ނައިފަރު ދާއިރާއަށް ހޮވުނު އަބްދުލް ޔާސީން އަދި ތިމަރަފުށީ ދާއިރާއަށް ހޮވުނު އަހުމަދު ރިޔާޒް ހިމެނެ އެވެ.
އެކަމާ ގުޅިގެން މަލީހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
”އޭސީސީ ތިބޭފުޅުން ނިދިން ހޭލާނީ ކޮންއިރަކު ތޯ? މިއީ ދައުލަތުގެ އިމާރާތެއްގެ ތެރޭ ނަމާދުކުރަން ތިބި މަންޒަރުތޯ? މިއީ ކޮރަޕްޝަނަށް ނުވާނަމަ ދެން ކޮންކަމެއް ތޯ? މީގެ ފޮރުވިފަވާ ކަންކަން ނުބަލާ ދެން ކޮންކަމެއްތޯ ކުރަން ތިޔަ އުޅުއްވަނީ? ހުތުރުކަން ބޮޑުވެގެންވާ މަންޒަރެއް.“ މަލީހު ވިދާޅުވި އެވެ.
މަޖިލީހުން ދާދި ފަހުން ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުވެސް ކުރައްވާފައިވާ ”އެންޓި ޑިފެކްޝަން“ގެ ގާނޫނާއެކު މިއަދު ސޮއިކުރި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުން ނެވެ.