ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖީންގ ޑިރެކްޓަރގެ މަގާމުގައި ހުރި ޢަބްދުالله މައުމޫންއަށްގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، މައުމޫން އާއި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ރިޝަވަތު ހިފުމުގެ ހަތް ދަޢުވާތައް ކުރުމަށް 18 އެޕްރީލް 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ ހުށަހެޅުނު ކޮންމެ ދަޢުވާއެއްގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީން ބުނެފައިވާއިރު، އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ 22 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރިޝްވަތު ހިފުމުގެ ފުރަތަމަ ދަޢުވާ ކުރާ ސަބަބު
މި ދައުވާ ކޮށްފައިވަނީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މައުމޫން ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 4 އޭޕްރީލް 2016 ވަނަ ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$29،941.50 (ނަވާވީސް ހާސް ނުވަސަތޭކަ ސާޅީސް އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރިޝްވަތު ހިފުމުގެ ދަޢުވާ 2 ކުރާ ސަބަބު:
ޕީޖީން ބުނެފައިވާގޮތުން ދެވަނަ ދައުވާ ކުރީ މައުމޫން، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 07 ޖޫން 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް US$686،950 (ހަ ލައްކަ އަށްޑިހަ ހަ ހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތް ކޮށްފައިވާތީ އާއި، 14 ޖޫން 2016 ދުވަހު މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް US$49،921.50 (ސާޅީސް ނުވަހާސް ނުވަސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) އާއި 26 ޖޫން 2016 ދުވަހު މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$12،201.50 (ބާރަ ހާސް ދުއިސައްތަ އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއެވެ.
ރިޝްވަތު ހިފުމުގެ ދަޢުވާ 3 ކުރާ ސަބަބު
ތިންވަނަ ދައުވާ ކުރީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 01 އޮގަސްޓް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$633،050 (ހަލައްކަ ތިރީސް ތިން ހާސް ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތްކޮށްފައިވާތީ އާއި، 4 އޮގަސްޓު 2016 ދުވަހު މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،949.50 (ސާޅީސް ނުވަ ހާސް ނުވަސަތޭކަ ސާޅީސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ރިޝްވަތު ހިފުމުގެ ދަޢުވާ 4 ކުރާ ސަބަބު:
މި ދައުވާ ކުރި ސަބަބު ކަމުގައި ޕީޖީން ބުނީ، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 30 މާރިޗު 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް US$698،000 (ހަ ލައްކަ ނުވަދިހަ އަށް ހާސް އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވާއިރު، 09 އޭޕްރީލް 2017 ދުވަހު މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$24،930 (ސައުވީސް ހާސް ނުވަ ސަތޭކަ ތިރީސް ޑޮލަރު) ޖަމާކޮށްފައިވާތީ ކަމަށެވެ.
ރިޝްވަތު ހިފުމުގެ ދަޢުވާ 5 ކުރާ ސަބަބު:
މި ދައުވާ ކުރަނީ މޯލްޑިވްސް ގޭސްގެ އެކައުންޓުން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް 15 މޭ 2017 ދުވަހު US$640،000 (ހަ ލައްކަ ސާޅީސް ހާސް ޑޮލަރު) ގެ ޕޭމަންޓެއް ޖަމާކޮށްފައިވާއިރު، 31 މޭ 2017 ދުވަހު މައުމޫންގެ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$46،555 (ސާޅީސް ހަ ހާސް ފަސްސަތޭކަ ފަންސާސް ފަސް ޑޮލަރުު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީއެވެ.
ރިޝްވަތު ހިފުމުގެ ދަޢުވާ 6 ކުރާ ސަބަބު
މި ދައުވާ ކުރަނީ 19 ޖޫން 2017 ދުވަހު މޯލްޑިވްސް ގޭސްގެ އެކައުންޓުން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$580،096 (ފަސްލައްކަ އަށްޑިހަ ހާސް ނުވަދިހަ ހަ ޑޮލަރު) އާއި 25 ޖުލައި 2017 ދުވަހު ފޮނުވާފައިވާ US$649،00 (ހަ ލައްކަ ސާޅީސް ނުވަ ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 23 އޮގަސްޓު 2017 ދުވަހު މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،955 (ސާޅީސް ނުވަ ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ޑޮލަރު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.
ރިޝްވަތު ހިފުމުގެ ދަޢުވާ 7 ކުރާ ސަބަބު
މި ދައުވާ ކުރާ ސަބަބު ކަމަށް ޕީޖީން ބުނީ، މޯލްޑިވްސް ގޭސް ގެ އެކައުންޓުން، 19 ސެޕްޓެންބަރު 2017 ދުވަހު ތްރީ.ޑީ.އެޗްގެ ނަންބަރު އެކައުންޓަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށް ފޮނުވާފައިވާ US$765،000 (ހަތް ލައްކަ ފަސްދޮޅަސް ފަސް ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 08 އޮކްޓޫބަރު 2017 ދުވަހު މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$34،950 (ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ޑޮލަރު) ޖަމާކޮށްފައިވާތީ ކަމަށެވެ.
ޕީޖީން ބުނީ، މި މުޢާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މަޢުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެލާ ކަމަށެވެ.
މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީން ބުނެއެވެ.
އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވާނެނކަމަށާ އެފަދަ އަމުރެއް ނެރެދޭ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިވާނެ ކަމަށް ޕީޖީން ބުނެއެވެ.