ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި.
ދެންމެ | 31 މެއި 2022
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި އެވެ.
ރައުފް އިސްތިއުފާ ދެއްވިއިރު އޭނާއަށް ފުލެޓް ލިބުނު މައްސަލައެއް ޖޭއެސްސީ އިން އަންނަނީ ބަލަމުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައި ވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، ފަނޑިޔާރު އަބުދުއްރައޫފް އަދި ފަނޑިޔާރު އަބްދުﷲ އެ ފްލެޓުތަކާއި ހަވާލުވުމަކީ ޤާނޫނު އަސާސީއާ ހިލާފު އަމަލެއްކަމަށް ކަނޑައަޅާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅަން ނިންމާފައިވަނީ މިދިޔަ އެޕްރީލު މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވުނު، އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި އެ ހުށަހެޅުން ދިރާސާކުރުމަށް މިދިޔަ އެޕްރީލް މަހު އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، އެމައްސަލަ ދިރާސާ ކުރިއިރު ދެފަނޑިޔާރުންގެ ފަރާތުން ފޮނުވާފައިވާ ސިޓީއާއި، ޖޭއެސްސީގެ ރިޕޯޓުވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ފާހަގަވި ދެކަމެއް އެބައޮތް ކަމަށާއި އެކަން ސާފުކުރަން ބޭނުންވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

އެހެންކަމުން ހަތަރު ސުވާލެއް އުފައްދަވާ އެކަންކަން ސާފުކުރަން ޖޭއެސްސީއަށް ސިޓީއަކުން ދެންނެވުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން އެދުވަހުގެ ކޮމެޓީގެ އިއްތިފާގުން ފާސްވެފައިވާތީ، އެ ސުވާލުތަކަށް ޖަވާބުދާރީވެ، ޖޭއެސްސީން ކޮމެޓީއަށް ފޮނުވި ލިއުންތައް އިއްޔެއާއި މިއަދު ކޮމެޓީގައި ވަނީ ދިރާސާކޮށްފައެވެ.

އެ ލިއުންތައް ދިރާސާކުރުމަށްފަހު އެ ކޮމެޓީގެ އިއްތިފާގުން ނިންމީޖޭއެސްސީގެ ނިންމުން ގޯސް ކަމަަށާއި، ދެ ފަނޑިޔާރުންގެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށެވެ. އަދި އެމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ނިންމާ، އެމައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް މައްސަލަ އަނބުރާ ފޮނުވާލުމަށް ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!