ގައުމީ އެއާލައިން، މޯލްޑިވިއަނުން ލަންކާއަށް ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަނުން ލަންކާއަށް ކުރާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން އެވެ. މޯލްޑިވިއަނުން ލަންކާއަށް ފުރަތަމަ ފްލައިޓް ރާއްޖެއިން ފުރީ ރޭގެ ވަގުތެއްގައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ޝެޑިއުލްކޮށްފައިވަނީ ހަފްތާގެ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހަކުއެވެ. މޯލްޑިވިއަނުން ލަންކާ ދަތުރުތައް ހަފުތާ ބަންދާ ދިމާކޮށް ރާވައިފައި ވަނީ ހަފުތާ ބަންދުގައި ފަސޭހައިން ދިވެހީންނަށް ލަންކާއަށް ގޮސް ހޮނިހިރު ދުވަހު އަނބުރާ މާލެ އާދެވޭ ގޮތަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ މާލެއިން ފުރާ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ހޮނިހިރު ދުވަހުގެ ރޭ އެނބުރި މާލެ އާދެވޭނެ އެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ލަންކާއަށް ދަތުރު ކުރާ ފަރާތްތަކަށް ލަންކާ ނަވަލޯކާ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުން ޑިސްކައުންޓް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އޯޕީޑީ މެދުވެރިކޮށް ކުރާ ލެބް ޓެސްޓުތަކުން 15 އިންސައްތައިގެ ޑިސްކައުންޓަކާއި، އެކްސްރޭ ހެއްދުމަށް 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބެއެވެ. މީގެއިތުރުން ހެލްތު ސްކްރީނިންގ ޕެކޭޖުތަކުންވެސް ޑިސްކައުންޓް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ދިވެހި ގައުމީ އެއާލައިންސް، މޯލްޑިވިއަނުން ލަންކާއަށް ކުރާ ދަތުރުތަކުގެ އަގު އުޅެނީ ޖީބަށް ވަރަށް ލުއިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ. 165 ޑޮލަރުން ޓިކްޓެއްގެ އަގު ފެށޭ މި ފެއަރ ގައި 30 ކިލޯގެ ބެގޭޖް އެލަވަންސާއެކު ރަހަމީރު ކާނާވެސް ދަތުރުމަތީގައި ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަންގެ އަމާޒަކީ ދަތުރުގެ އަގު ހެޔޮކޮށްފައިވެސް، ދަތުރުވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ ލުއިފަސޭހަކަން ހޯދައިދިނުމެވެ.