ހަންގަނޑު އޮމާންކޮށް ބަހައްޓަން ބޭނުން ތަ!
ދެންމެ | 31 މެއި 2022

ހަންގަނޑަށް ބޭނުންވާ ފަރުވާ ހޯދާނެހާ ވަގުތު ނުވޭދޯ އެވެ؟ އާދައިގެ ކުޑަކުޑަ ކަންކަމުން ވެސް ހަންގަނޑަށް ބޭނުންވާ އެންމެހާ ފަރުވާ ލިބިގެންދާކަން އެނގޭތަ؟

ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ހަންގަނޑަށް ބޭނުންވާ އެންމެހާ ފަރުވާ ލިބޭ ނަމަ ހަންގަނޑަށް ޖެހިގެންދާ އެކިއެކި ބަލިތަކުން ވެސް ރައްކާތެރިވެގެންދެ އެވެ. ރީތި ރަނގަޅު ހަންގަނޑެއް ބޭނުން ނަމަ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން މަތީ ދެމިހުންނާށެވެ.

 

އަވިން ރައްކާތެރިވާށެވެ.

ދުޅަހެޔޮ ހަންގަނޑަކަށް އެންމެ ބޭނުންވާ އެއް ކަމަކީ އަވިން ހަންގަނޑު ރައްކާތެރިވުމެވެ. އަބަދު އަވީގައި ޖެހޭ ނަމަ ހަންގަނޑުގައި ރޫ ޖެހި ، އެކި ބަލިތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ހަންގަނޑަށް ކެންސަރު ޖެހުމަށް ވެސް މެދުވެރިވެ އެވެ. އަވިން ހަންގަނޑު ރައްކާތެރި ކުރުމަށް ސަން ސްކްރީން ލޯޝަން އަބަދު ވެސް ބޭނުން ކުރާށެވެ. ހާއްސަކޮށް ފަތަން ގޮސް ހަދާ މީހެއް ނަމަ ގިނަގިނައިން ސަން ސްކްރީން ބޭނުން ކުރުމަށް ހަނދާން ބަހައްޓާށެވެ. މީގެ އިތުރުން ހެނދުނު 10 އަކުން ފެށިގެން ހަވީރު ހަތަރަކަށް އަވީގައި އުޅުން މަދުކުރާށެވެ. މިގަޑިތަކަކީ އެންމެ އަވި ގަދަވާ ވަގުތުތަކެވެ. އަދި ހަމަ އެހެންމެ އަތްވަށް ނުކުންނަ އިރު ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާވާ ކަހަލަ ހެދުން އެޅުމަށް އިސްކަންދޭށެވެ.

 

ސިގިރޭޓް ބުއިމާ ދުރުވާށެވެ.

ސިގިރޭޓް ބޯ ނަމަ ހަންގަނޑުގައި ރޫ ޖެހި، ދުވަސްވީ މީހެއް ވައްތަރު ޖަހަން ފަށައެވެ. މިހެން ވުމަށް މެދުވެރިވަނީ ސިގިރޭޓް ބުއިމުގެ ސަބަބުން ލޭ ހޮޅިތައް ބެނދި، ލޭ ދައުރުވާލެއް މަދުވެ، ހަންގަނޑަށް ބޭނުންވާ އޮކްސިޖަން އަދި ނިއުޓްރިއެންޓްސް ނުލިބުމުގެ ސަބަބުން ހަންގަނޑު މިލާ ދިޔުމުންނެވެ. މީގެ އިތުރުން ސިގިރޭޓް ބުއިމަކީ ހަމުގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ދުޅަހެޔޮ ހަންގަނޑެއް ބޭނުން ނަމަ ސިގިރޭޓް ބުއިމާ ދުރުހެލިވުން މުހިންމެވެ.

 

ހޫނު ފެނުން ފެންވެރުން ހުއްޓާލާށެވެ.

ހޫނު ފެން ބޭނުންކޮށްގެން ގިނައިރު ވަންދެން ފެންވަރާ ކަމުގައިވާނަމަ ހަންގަނޑުގައި ހުންނަ ތެޔޮ ބޭރުވުމަށް މެދުވެރިވެއެވެ. އެހެންކަމުން ހޫނު ފެނުން ފެންވެރުމުގެ ބަދަލުގައި ތާފެނާ ފެނުގައި ފެންވެރުމަށް އިސްކަންދޭށެވެ. އަދި ފެން ވެރުމަށް މެދުމިނުގެ ވަގުތެއް ކަނޑައަޅާށެވެ.

 

ބާރު ގަދަ ސައިބޯނި ބޭނުން ކުރުމާއި ދުރުހެލިވާށެވެ.

ބާރުގަދަ ސައިބޯނި ބޭނުން ކުރާ ނަމަ ހަންގަނޑުގައި ހުންނަ ތެޔޮ ބޭރުވުމަށް މެދުވެރިވެއެވެ. ފެންވަރާ ނިމުމަށް ފަހު ހަންގަނޑުގައި ވާ މޮއިސްޓާތައް ފިލުވިޔަނުދިނުމަށް ފެން ހިއްކާއިރު ޕެޓް ޑްރައި ކުރާށެވެ. އަދި ހަންގަނޑު ހިކިފައިވާ ނަމަ އެމީހެއްގެ ހަންގަނޑާއި ގުޅޭ މޮއިސްޓްރައިޒާއެއް ބޭނުންކުރާށެވެ.

 

ރަގަޅު ޑައިޓެއް އިހްތިޔާރު ކުރާށެވެ.

ދުޅަހެޔޮ ޑައިޓެއް ކެއުމަށް ހާއްސަ ކުރުންރީތި ހަންގަނޑެއްގެ ވެރިޔަކަށް ވުމަށް ރަނގަޅު ޑައެޓް އެއް ގެންގުޅުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ޑައެޓްގައި ގިނައިން މޭވާ އާއި ތަރުކާރީ އެކުލެވޭ ކާނާ ބޭނުން ކުރާށެވެ. އަދި ގިނައިން ފެން ބޯން ހަނދާން ބަހައްޓާށެވެ. ސަބަބަކީ ފެނަކީ ހަންގަނޑު ތާޒާކަން މަތީ ބަހައްޓާދޭ އެއްޗަކަށްވާތީއެވެ.

 

ސްޓްރެސް މެނޭޖްކުރާށެވެ.

ސްޓްރެސްގެ ސަބަބުން ހަންގަނޑު ސެންސިޓިވް ވެ ބަލިތައް ޖެހުމަށް މެދުވެރިވެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނުވަތަ ދުޅަހެޔޮ ހަންގަނޑެއް ބޭނުން ނަމަ ސްޓްރެސް މެނޭޖްކުރާށެވެ. ނިދި ހަމަކޮށް، ނިންމަޖެހިފައިވާ މަސައްކަތެއްވާ ނަމަ އެ މަސައްކަތެއް ނިންމައި އުފާވާނެ ކަހަލަ ކަމެއް ކުރުމަށް ވަގުތު ހޯދާށެވެ. މި ގޮތަށް ކަންތައް ކުރަން ފަށައިފި ނަމަ ހީވެސް ނުކުރާ ނަތީޖާއެއް ފެނިގެންދާނެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!