އޮންލައިންކޮށް ވިނަރެސް ފްލެޓްތައް ގަންނަން ހުށަހެޅި ފޯމުތައް ބާތިލްކޮށްފިއެވެ.
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ 5 ނޮވެމްބަރ 2023 ގައިއޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއުއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތައް ބާތިލްކޮށްފައިވަނީ، ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތަކަށް ރިޔާއަތް ކުރުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން، އެޗްޑިސީއިން ބުނީ, ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެން ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަން ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން، އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައި ދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް އިތުރަށް ނުވިއްކާނެ ކަމަށް ބުނެފައިވެއެވެ.
ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާކަން އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޑީސީއިން އިލްތިމާސް ކޮށްފައިވެއެވެ.