ކުނި ވަކި ނުކުރަންޏާ ދެން ނުގެންދާނަން: ވެމްކޯ
ދެންމެ | 01 ޖޫން 2022

ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ހޯދަން ގޭބީސީތަކުން އުފެދޭ ކުނި އުކާލުމުގައި ކުނީގެ ބާވަތްތަކުން 4 ބަޔަށް ވަކިކޮށް ބެހެއްޓުމަށް އަންގައި އެގޮތައް އަމަލުކުރަން މިއަދު ފަށައިފި އެވެ.

އެ ހަތަރު ބަޔަކީ ޕްލާސްޓިކް، ދަގަނޑު، ބިއްލޫރި، ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ހުރެ ފަނާވާ ޒާތުގެ ކުނީގެ ބާވަތްތަކެވެ.

އަލަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ގޭބީސީތަކުން ކުނި އުކާލަން ނެރޭއިރު ދަގަނޑު އަދި ޕްލާސްޓިކު ހިމެނޭ ބާވަތްތައް ހުންނަންވާނީ ވަކި ކުރެވިފަ އެވެ.

ވެމްކޯ އިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެން ކަމަށެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެން ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކިކޮށްގެން ކަމަށެވެ.

ވެމްކޯއިން ދެމުންގެދާ ހިދުމަތްތަކުގެ އިތުރުން އަމިއްލައަށް ކުނި އުކާ ސަރަހައްދަށް ގޮސް ވެސް ކުނި އުކާލެވޭނެ އެވެ. ނަމަވެސް ކުނި އުކާލެވޭނީ ވެމްކޯއިން އަލަށްގެނައި ބަދަލާއެކު ވަކިކުރަންޖެހޭ ހުރިހައި ކުންޏެއް ވަކިކުރުމަށްފަހުގައި ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަމިއްލަ ޕިކަޕްތަކުގައި ކުނި އުކޭނީ ކުރިންވެސް އަމަލުކުރަމުން އައި ގޮތަށް ވެމްކޯގައި ރަޖިސްޓްރީ ކޮށްގެންކަމަށެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ވަނީ އެންވާރަމަންޓް މިނިސްޓްރީ އާއި ވެމްކޯ ބައްދަލުކޮށް ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ގޮތްތަކާއިބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!