ވީޑިއޯ މެދުވެރިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ސުވާލު ފޮނުވާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ސަރުކާރުން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސާ ސުވާލުކުރެވޭނެ ފުރުސަތު ހަމަޖައްސާދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މީހާރު ސުވާލުކުރާ އުސޫލުގެ ބަދަލުގައި ރައްޔިތުންނަށް ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖައްސަމުން އަންކަންވެސް ހިނާ ފާހަގަކުރެއްވިއެވެ.
“ ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށް ހޯދާ ދިނުމުގެ ގޮތުން އަދި ހަމަ އެއާ އެކުއެކީގައި ވީހާވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ސުވާލުތައްވެސް ވީޑިއޯ މެދުވެރިކޮށްވެސް ރައީސް އޮފީހަށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ އިންތިޒާމެއް ގާއިމުކުރުމަށްޓަކައި.އެކަމަށް ހާއްސަ ނިޒާމެއް ގާއިމުކުރަމުން މިދަނީ.“ ހީނާ ވަލީދު ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ކެބިނެޓް ނިންމުންތައްވެސް އާއްމުކޮށް ލިބޭނެ އިންތިޒާމެެއް ގާއިމުކުރަމުން އަންނަކަމަށެވެ. އެ މަސައްކަތްވެސް މިމަހުގެ ފަހުކޮޅު ނިންމާލާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.
”ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލައިވްކޮށްލާނަން, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާ ލިންކްވާ ގޮތަށް ކެބިނެޓްގެ ނިންމުންތައް, ރައީސް މުއިއްޒުގެ ވެރިކަމުގައި ކޮންމެ ކެބިނެޓެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް ނިންމުންތަކާ ގުޅޭ މައުލޫމާތު ލިބޭނެ ނިޒާމެއް،“ ރައިސްގެ ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ކުރިއަށް ގެންދާ ކަންކަން އެއްތާކުން ފެންނާނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވިދާޅުވިއެވެ.