މީޑިޔާ ކައުންސިލްގެ ރައީސް ކަމުން އިސްތިފާދެއްވުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި.
ދެންމެ | 01 ޖޫން 2022

އެމްއެމްސީގެ 9 މެމްބަރަކު ސޮއިކޮށް މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޓެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތުތަކަކީ ދިވެހިރާއްޖޭގެ ބޮޑެތި ގިނަ މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

ދިވެހި މީޑިއާގެ އަހުލާގީ ހަމަތައް ކަނޑައަޅައި އަދި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކަށް އެފަދަ ތުހުމަތުތައް ކުރެވުމަކީ މުއައްސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމުގައި މީޑިއާ ކައުންސިލްގެ އަގުލަބިއްޔަތު މެމްބަރުން ގަބޫލުކުރާ ކަމަށް އެމްއެމްސީގެ އެގަރާރުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއާ ކުރެވުނު މަޝްވަރާތަކުގައި މަގާމުން އިސްތިޢުފާ ދިނުމާ މެދު ވިސްނައިވަޑައިގަތުމަށް އެއްބަސްވެފައިވާ މުޙުލަތު މިއަދަށް ހަމަވިއިރު ވެސް އިސްތިއުފާ ދެއްވާފައި ނުވާތީ މިހިނދުން މިހިނދަށް ޝަހުބާން ފަހުމީ އެ މަގާމުން އިސްތިޢުފާ ދެއްވުމަށް އެ ގަރާރުގައި ގޮވާލާފައި ވެއެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތު ކޮށްފައި ވަނީ އޭނާގެ ބޭބެ އަލްހާން ފަހުމީ އާއި އާއިލާގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން ފޮރެކްސް ޓްރޭޑު ކުރަމުން އަންނަ މައްސަލައިގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!