ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގައި ޖަހާ ޕާކިން ވަޔަލޭޝަން ސްޓިކާ ފުލުހުން އަތުން ހުސްވެގެން ވަގުތީ ގޮތުން ސްޓިކާ ޖެހުން ހުއްޓާލައިފިއެވެ.
ފުލުހުން، ޕާކިން ސްޓީކާ ޖެހުން ހުއްޓާލުމުން އެއްވެސް ހަމައެއް ލަމައެއް ނެތި މީހުންނަށް ހިނގާބިނގާވެ، އުޅެން އުނދަގޫވާ ގޮތަށް މާލޭގެ މަގުމަތީގައި ޕާކު ކުރުން މިވަނީ ހައްދުންނެއްޓިފައެވެ. މީގެ ތެރޭގައި ކަފިހިހުރަހާއި، ގޭގެއާއި ފިހާރަ، ކެފޭ، ރެސްޓޯރެންޓުތަކުގެ ކުރިމައްޗާ އަދި މަގުގެ އެކި ހިސާބުތަކުގައި ޕާކު ކުރުމަކީ މިހާރު އާއްމު އާއްމު ކަމެކެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީން ފުލުހުންނަށް ޕާކިން ސްޓީކާ ފޯރުކޮށް ނުދޭތާ ހަތަރު މަސް ވެއްޖެއެވެ. އެހެންކަމުން ފުލުހުންގެ އަތުގައި މިވަގުތު ހުރީ ވަރަށް މަދު އަދަދެއްގެ ސްޓިކާއެވެ.
މި މައްސަލައާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބަހެއް ލިބޭތޯ ތިން ދުވަސް މަތީން ގުޅުމުން ވެސް ފަހުން ގުޅާނެ ކަމަށް ބުނެ، ޖަވާބެއް ނުދިނެވެ.
ފުލުހުންނަށް ޕާކިން ވަޔަލޭޝަން ސްޓިކާ ފޯރުކޮށްދޭން ޖެހެނީ މިނިސްޓްރީން ކަމަށްވާއިރު، މި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ވަކި ޖަވާބެއް ނުދެއެވެ. ހަމައެކަނި ބުނީ ޕާކިން ސްޓީކާގެ މިވަގުތު ހުރީ ވަރަށް މަދު އަދަދެއް ކަމަށެވެ. އެހެން ކަމުން ހަމަހަމަކަމާއެކު އެކަން ނުކުރެވޭނެތީ ސްޓިކާ ޖެހުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ބުންޏެވެ.