ކުރީގެ އަނބިމީހާ އެމްބާ ހާޑްއާ ދެކޮޅަށް ޖޮނީ ޑެޕް ކޯޓަށް ހުށަހަޅާފައިވާ އަބުރުގެ ދައުވާ އޭނާ ކާމިޔާބުކޮށްފި އެވެ.
މިއީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެ، ވަކި މީހެއްގެ ނަން ނުގެނެސް، ހާޑް 2018ގައި ލިޔުނު އާޓިކަލްއަކާ ކެރިއަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެކަމާ ގުޅިގެން ޑެޕް ވާޖިނިއާގެ ކޯޓަކަށް ވެއްދި މައްސަލައެކެވެ.
ދުނިޔޭގެ ސަމާލުކަން ހުއްޓުނު މި ޝަރީއަތުގައި ހެކިބަސް ދެމުން ޑެޕް ވަނީ އަނިޔާ ތަހައްމަލްކުރަން ޖެހުނީ އޭނާއަށް ކަމަށާއި އަނިޔާވެރިޔަކީ ހާޑް ކަމަށް ބުނެފަ އެވެ. އަދި ހާޑްގެ ފަރާތުން ކުރިމަތިވި ކަންތައްތައް ކަމަށް ބުނެ ގިނަ ވާހަކަތަކެއް ޑެޕް ކިޔައިދިނެވެ.
ނަމަވެސް ކޯޓުގައި ހެކިބަސްދެމުން ހާޑް ބުނީ، ޑެޕް އަނިޔާކުރަން ފެށީ 2012 ވަނަ އަހަރެވެ. އެކަން ކުރީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި އެހެން ފިރިހެނުންނާ އޭނާއާ އަޅުވާކިޔައި ޝައްކުކުރި ކަމަށްވެސް ބުންޏެވެ. އަދި އެ ކަންކަމުގެ ތެރެއިން ޑެޕް އޭނާއަށް ޖިސްމާނީ އަދި ޖިންސީ ބޮޑެތި އަނިޔާތައް ދިން ކަމަށް ހާޑް ބުންޏެވެ.
އޭނާ ބުނީ ރަލާއި ޑްރަގުގެ މަސްތުގައި ހުރެ އަނިޔާވެރިވުމަށް ފަހު ދުވަސްތަކަކަށް ޑެޕް ގެއްލޭ ކަމަށާއި ދެން އެނބުރި އަންނަނީ ވަރަށް ހެޔޮ، ރަނގަޅު މީހެއްގެ ގޮތުގައި ކަމަށެވެ. އަދި މައާފަށް އެދި، އިސްލާހުވާނެ ކަމަށް ވައުދުވި ނަމަވެސް ދުވަސްކޮޅަކުން އަނިޔާކުރުން ތަކުރާރުވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެ، ވަކި މީހެއްގެ ނަން ނުގެނެސް، ހާޑް 2018ގައި ލިޔުނު އާޓިކަލްއަކީ ޑެޕްގެ އަނބުރު ކަތިލުމަށް ލިޔުނު އާޓިކަލްއެއްކަން ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ޑެޕް ދައުވާ ކުރީ އަބުރަށް ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހާޑް އަތުން 50 މިލިއަން ޑޮލަރު ހޯދުމަށެވެ. ރައްދުގައި ހާޑް ވަނީ ޑެޕް އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފަ އެވެ.
ނަމަވެސް ފަނޑިޔާރު ހުކުމް ކުރެއްވީ، އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އާއި ހާޑްގެ އަމަލުތަކުގެ ސަބަބުން އަދަބެއްގެ ގޮތުގައި ހާޑް އަތުން ޖުމުލަ 15 މިލިއަން އެމެރިކާ ޑޮލަރު ޑެޕްއަށް ދިނުމަށެވެ.
އަދި ހާޑްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ޑެޕްގެ މައްޗަށް އަމުރުކުރި އެވެ. އެއީ ޑެޕްގެ ލޯޔަރު، އެޑަމް ވަލްޑްމާން ޑައިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ހާޑްގެ ތުހުމަތުތަކަކީ ފޭކު ވާހަކައެއް ކަމަށް ބުނުމުން ދޭން އަމުރުކުރި ބަދަލެވެ.
ފަނޑިޔާރު އިތުރަށް ވަނީ ޑެޕްއާ ދެކޮޅަށް ހާޑް ހުށަހެޅި ދެ އަބުރުގެ ދައުވާ ސާބިތުވާ ވަރަށް ހެކި ލިބިފައިނުވާ ކަމަށްވެސް ކަނޑައަޅުއްވައިފަ އެވެ.