އާރެއް ބާރެއް ނެތް މީޑިޔާ ކައުންސިލަށް ކުރިމަތި ލާން ހުޅުވާލައިފި
ދެންމެ | 15 މެއި 2024

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު ހުޅުވާލައިފައިވަނީ އެމްއެމްސީގެ އާންމު މެންބަރުންގެ ތެރެއިން އިތުރު މެންބަރެއްގެ މަގާމް ހުސްވެފައިވާތީ ކަމަށެވެ.

އިތުރަށް އެ އިއުލާނުގައި ބުނީ، އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މީގެ އިތުރުން ވެސް އާންމު މެންބަރުކަމަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކެއްކަން ފާހަގަކޮށް، އެ ޝަރުތުތައް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މީޑިއާ ކައުންސިލް އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު މިނިސްޓްރީއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެމްބަރުންގެ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!