މި އަހަރު އޮތް 20 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަމަށް ވެސް އޭނާ ވާދަކުރެއްވިއެވެ. އެކަމަކު، ގޮނޑި ދިފާއުކުރެވިފައެއް ނުވެއެވެ.
ސިޔާސީ މުސްތަގުބަލާ ގުޅޭ ގޮތުން ’ސަން‘ އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، މި ވަގުތު ވެސް އަދި އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ވިޔަފާރީގެ ކަންކަމަށް ކަމަށެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގައުމަށް ފައިދާކުރަނިވި މަޝްރޫއުތަކެއް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރައްޔިތުން އަޅުގަނޑާ ދޭތެރޭގައި ބަހައްޓަވާ ލޯބި އިންތިޚާބުތަކުން ދައްކައިފި،“ އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އަދި އެމްޑީޕީގެ ރިޔާސަތު ބޭނުންވާ ކަމަށެވެ. އެގޮތުން، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްތިއުފާދެއްވާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
”އެމްޑީޕީގެ ރިޔާސަތަށް އަޅުގަނޑު މި [ބަލަނީ]. އެމްޑީޕީ އޮޔާދިޔަ ނުދޭން އަޅުގަނޑު ބޭނުންވަނީ. އަޅުގަނޑުގެ ވެސް އެތައް ބައެއްގެ ގުރުބާނީއެއް އެއީ،“ އޭނާ ވިދާޅުވިއެވެ.
”ދަލު ބޭރުން ވަޑައިގެން ބޭފުޅުންތަކެއް އެމްޑީޕީ ފަރިއްކުޅުއްވައިފި،“
އޭނާ ވިދާޅުވީ، އެމްޑީޕީގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ، ނައިބު ރައީސެއްގެ ގޮތުގައި ބޭނުންވަނީ ހޯރަފުށީ ދާއިރާގެ މެންބަރުކަން 19 ވަނަ މަޖިލީހުގައި ކުރެއްވި އަހުމަދު ސަލީމް ކަމަށެވެ. އެހެންވެ، ޖާބިރާ ގުޅެން ސަލީމަށް އޭނާ ދައުވަތު ދެއްވިއެވެ.
ނިމުނު މަޖިލީސް އިންތިޚާބުގައި ވާދަކުރަން ޕްރައިމަރީ ވެސް ކާމިޔާބުކުރި ފަހުން އޭނާގެ އަޚްލާގީ މައްސަލައެއް ބެލުމަށް ފަހުގައި ޖާބިރުގެ އަތުން އެމްޑީޕީން ވަނީ ޓިކެޓު އަތުލައި ޕާޓީން ވެސް ބޭރުކޮށްފައެވެ. އެހެންވެ، ޖާބިރު މަޖިލީހަށް ފަހުން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
މި އިންތިޚާބުގައި ޖާބިރަށް ލިބިވަޑައިގަތީ 369 ވޯޓެވެ. ޖުމުލަ 1،321 ވޯޓާ އެކު ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމެވެ.
ގުޅުންހުރި ލިޔުންތައް