ކުޑަ ޢީދެވެ. ބޮޑު އުފަލެކެވެ. މިއީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ކުޑަ ޢީދު، އުފާވެތި އިސްލާމީ ކުލަތަކުގެ ވިދުން އެންމެ ގަދަވި ފަހަރެވެ. މިކަން ފުރަތަމަ ފެށިގެން ގޮސްފައި ވަނީ މާލޭގެ މޭޔަރުކަމުގައި ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދުވަސްވަރުއެވެ. މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވީ އޭރުގެ މޭޔަރު ޑރ. މުޢިއްޒުއެވެ. އެމަނިކުފާނުގެ ރައީސުޖުމްހޫރިއްޔާކަމުގެ ޒަޢާމަތުގައި ދިވެހިންނާ ބައްދަލުކުރި ފުރަތަމަ ޢީދު ވެގެން މިދިޔައީ ކުޑަ އީދަށެވެ. އެހެންނަމަވެސް ޑރ. މުޢިއްޒުގެ ސީދާ އިސްނެންގެވުމުގެ ދަށުން މުޅި ރާއްޖެ އުފާވެރިކަމުން ދިއްލާލިއެވެ. ވެރިރަށް މާލެ އާއި އާބާދީ ބޮޑެތި ރަށްތަކުގައި ބެހެއްޓި ކުލަބޮލިތަކުގެ ދިއްލުންތަކުން އިސްލާމީ ވަންތަކަމާއި ދިވެހިވަންތަކަމާއި ސުލްހަވެރިކަމާއި އަމާންކަމާއި އުޚުއްވަތްތެރިކަން ރަމްޒުކޮށްދިނެވެ.
ކުޑަ ޢީދުގައި އަހަރެންނަށް ހުރެވުނީ ލ. އަތޮޅުގެ ވެރިރަށް ފޮނަދޫގައެވެ. އެރަށް އޮތީ ކުލަ ބޮކިތަކުން ދިއްލާލާފައެވެ. ގަމުގައި ހުރި ރައްޓެއްސަކާ ބައްދަލުކޮށްލުމަށް ފޮނަދޫއިން ކާރެއްގައި ދަތުރުކުރަމުން ދިޔައިރު ޑްރައިވަރު ދިޔައީ ހުއްޓާނުލާ ވާހަކަ ދައްކަމުންނެވެ. އޭނާ ސަރުކާރަށް ތައުރީފުކުރަމުން ޑރ. މުޢިއްޒަށް ޝުކުރު އަދާކުރަމުން ގެންދިޔައެވެ. އަހަރެން ވަކި އެއްޗެއް އަހައިގެނެއް ވެސް ނޫނެވެ. އޭނާ ފާޅުކުރަމުން ގެންދިޔައީ އޭނާގެ އަމިއްލަ ހިތުގެ ޝުޢޫރުތަކެވެ.
”ބަނދަރުމައްޗާއި ބޮޑެތި މަގުތައް ކުލަބޮކިތަކުން ނަލަކޮށް ދިއްދާލާފައި އޮތީމަ ކުޑަކުދިންނާއި އާއިލާތަކަށް ޢީދުގެ ހަގީގީ އުފާ ލިބިގެންދިޔަ. ދިއްލުންތައް ބަލާލަން އާއިލާތައް އެކުގައި ނުކުމެ، އުފާކުރި މަންޒަރު މިގޮތަށް ފެނުނު މިއީ ފުރަތަމަ ފަހަރު. އަސްލު ރައްޔިތުންގެ އުފާފަލަށް، އާއިލާތަކުގެ އުފަލަށް ވިސްނާ ރައީސެއް ޑރ. މުޢިއްޒަކީ. ރައްޔިތުން ދެކެ ލޯބިވާ ދީން ދެކެ ލޯބިވާ ރައީސެއް،“ ފޮނަދޫ ކާރު ޑްރައިވަރުގެ ވާހަކަތަކުން މި ހިމަނާލީ ކުޑަ މިންވަރެކެވެ.
އޭގެ ކުރީ ދުވަހެވެ. އަހަރެންގެ 11 އަހަރުގެ އަންހެން ދަރިފުޅު ފޯނުކުރިއެވެ.
”ބައްޕީ އަޅުގަނޑު މިހުރީ ޖުމްހޫރީ މައިދާނުގައި މަންމަމެންނާ އެކީގަ. އިޓްސް ސޯ ބިއުޓިފުލް. ވަރަށް ވަރަށް ރީތި ފެންއަރުވާ ވަޑާން. ބޮކިފަތިތައް ވެސް ވަރަށް ޗާލު. ބައްޕި ހުރި ރަށް ވެސް ހުރީ ދިއްލާފަތަ؟ އަދި އެބައޮތް ހަވާ އެރުވުން. އައިމް ސޯ ހެޕީ،“
ހަގީގަތުގައިވެސް މާލެ އަށާއި ވެރިރަށްތަކާއި ސިޓީތަކަށް އޮތީ އާދަޔާޚިލާފު އުފާވެރިކަމެއް ފެތުރިފައެވެ. އެއުފާވެރިކަން ގެނެސް ދެއްވީ ދެވަނަ ދެމީހެއް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. އެކަނިކުފާނު ވަނީ ޢީދުގެ އުފަލުގައި ކުދި ބޮޑު އެންމެން ބައިވެރިވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ހަނދާނަށް އައީ އީދެއްގައި އިންޑޮނޭޝިޔާގެ ކުރީގެ ވެރިރަށް ސުރާބައްޔާގައި ހުރެވުނު ދުވަސްތަކެވެ. މުޅި މޯލްތަކާއި ހޮޓާތައް ވަނީ ތަކުބީރާއި މަދަހަތަކާއި ޢީދުގެ ލަވަތަކުން ފަޅުފިލުވާފައެވެ. މިއީ ހިތަށް ފިނިކަން ގެނުވި ކަމެކެވެ.
މީ އޭގެ 10 އަހަރު ފަހެވެ. މާލޭގައި ކުޑަ ޢީދުގައި ތަކުބީރު އަޑުހަރުކޮށް ކިޔައި، އިސްލާމީ ސަގާފަތް ދިރުވިއެވެ. އިސްލާމީ އެހެން ގައުމުތަކާ އެއްގޮތަށް ޢީދާ ގުޅޭ އިސްލާމީ އާދަކާދަތަކަށް ވެރިކަމުގެ ފަރާތުން ފުރުސަތުތައް ފަހިކޮށްލަ ދެއްވިއެވެ.
”މިގޭ ކުދި ވެރިން ވަރަށް މަޖާނެގި ޖުމްހޫރީ މައިދާނަށް ގޮއްސަ. ތަކުބީރުގެ އަޑު އިވުނީމަ ވަރަށް ގިނަ ސުވާލުވެސް ކުރި. އެއީ ކީއްވެ ކިޔާ އެއްޗެއްހޭ؟ އަހަރެމެން ދުވަސްވީ މީހުން މި ޖެހުނީ އަސްލު އެއީ ދީނުގައި އެކަން ކުރަން އޮންނަ ގޮތްކަން ބުނެދޭން. ވަރަށް އުފާކުރިން މިފަދަ ކަމެއް ސަރުކާރުން ކުރެއްވީތީ،“ އުމުރުން 52 އަހަރުގެ ޢަލީ އަހުމަދު ކިޔައިދިނެވެ.
މޭޔަރުކަމުން ފެށިގެން ޑރ. މުޢިއްޒު ގެންދަވަނީ އަބަދުވެސް ތަފާތު ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދީ ރައްޔިތުން ހިތްއުފާވާނެ ގިނަ ކަންކަން ތަންފީޒުކުރައްވާފައެވެ. މިހާރު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި އެމަނިކުފާނު ހުންނެވުމުން ރައްޔިތުންގެ ހެވާއި ލާބައަށް، އުފަލާއި ހިތްހަމަ ޖެހުމަށް ކުރައްވާނެ ކަންކަމުގެ ލިސްޓް މާ ދިގުވާނެކަން ކަށަވަރެވެ. މިދިޔަ ކުޑަ އީދުން ރައްޔިތުންނަށް ލިބުނު ބޮޑު އުފަލަކީ އަދި އެމަނިކުފާނުގެ ޕްލޭންތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.