ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި.
ދެންމެ | 02 ޖޫން 2022

ކ. ތިލަފުށި އެތެރެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުށި ފަޅުގައި އަޅާފައި ހުރި އުޅަނދުތަކާއި އެ ފަޅުތެރެއަށް އަޑިއަށް ގޮސްފައި ހުރި އުޅަނދުތަކާއި ތިލަފުށި މަގުތަކުގައި ހަލާކުވެގެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އިއުލާނު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކިފަހަރުމަތިން އަންގައިގެންވެސް އެ އުޅަނދުތައް ނަގާފައި ނުވާތީ އެޗްޑީސީ އާއި ސަރުކާރުން ތިލަފުށީގައި ހިންގަން ރާވަފައި ހުރި މަޝްރޫއުތަކަށް ހުރަސް އެޅި، އަޑިއަށްގޮސްފައި ހުރި އުޅަނދުތަކުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް އެ އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި، އެޗްޑީސީގެ ހުއްދަ ނެތި ތިލަފުށި އެތެރެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެގޮތުން އެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ އުޅަނދެއްވާ ނަމަ، އެ އުޅަނދެއްގެ މައުލޫމާތާއި އޭގެ ވެރިފަރާތުގެ މައުލޫމާތު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެޗްޑީސީއަށް އެންގުމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި މުއްދަތުގައި މައުލޫމާތު ހުށަނާޅާ އުޅަނދުތަކަކީ ވެރިޔަކު ނެތް އަދި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ކަމަށް ބަލައި އެ އުޅަނދުތައް ނަގައި ނައްތާލާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!