ކުރުނބާ ފެނަކީ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެކެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުންކުރެވޭ އަދި އެންމެންގެ މެދުގައި މަޝްހޫރު މި ބުއިމަކީ ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ބުއިމެކެވެ. މިއީ ކަރުހިއްކާލުން ފިލުވާލުމަށާއި ހަށިގަނޑުގައި ވަރުޖެއްސުމުގެ ގޮތުން ބޭނުންކުރަން ވަރަށް ކަމުދާ ބުއިމެކެވެ. އަދި ޚާއްސަކޮށް މާބަނޑު ދުވަސްވަރު ވަރަށް އާންމުކޮށް ބޭނުންކުރެވޭ ބުއިމެކެވެ.
ކުރުނބާގައި މުހިންމު އިލެކްޓްރޯލައިޓްސް ހިމެނެއެވެ. އެގޮތުން ސޯޑިއަމް އާއި ޕޮޓޭސިއަމްވެސް ހިމެނެއެވެ. މި މާއްދާތަކަކީ ގިނައިން ހޮޑުލެވި ބޭރަށް ހިންގާނަމަ ވަރަށް ފަސޭހައިން ހަށިގަނޑުން މަދުވާ ދެ މާއްދާއެވެ. އެހެންކަމުން މާބަނޑު އިރު ޚާއްސަކޮށް ފުރަތަމަ 3 މަސްތެރޭގައި ގިނައިން ހޮޑުލެވޭނަމަ ކުރުނބާ ބޭނުންކުރެވިދާނެއެވެ.
އަދި މީގެ އިތުރުންވެސް ވަރަށް މުހިންމު ވިޓަމިންސް އާއި މިނަރަލްސް ކުރުބާގައި ހިމެނެއެވެ. އެގޮތުން މެގްނީޒިއަމް އާއި ކެލްސިއަމް އަކީ ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ދަރިފުޅަށް މުހިންމު މާއްދާތަކެއްކަމަށްވާތީ އެންމެ ފަހު ދުވަސްކޮޅުގައި ނުވަތަ ފަހު ޓްރައިމިސްޓަރގަވެސް ކުރުނބާ ބޭނުންކުރުން މުހިންމުކަމަށް އަންހެނުންގެ ޚާއްސަ ޑރ. ނުސްރާ ލަފާދެއްވައެވެ.
އަދި މިއީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ އެއްޗެއްކަމުން ބަނޑުހަރުވުމާއި ގޭސްޓްރިކް މައްސަލަތަކަށްވެސް ލުއިލިބޭނެކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އިމިއުނިޓީ ވަރުގަދަކޮށްދީ އެކި އިންފެކްޝަންތަކުން ސަލާމަތްކޮށްދީ ލޭގެ ޕްރެޝަރ ދަށްކޮށްދޭނެއެވެ.
އެހެންކަމުން މާބަނޑު ދުވަސްވަރު ދުވާލަކު 1 ނުވަތަ 2 ކުރުނބާ ބޭނުންކުރެވިދާނެކަމަށްވެސް ޑރ.ނުސްރާ ވިދާޅުވިއެވެ.
ހަކުރު ބަލި ނުހުންނަނަމަ އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާނަމަ ކުރުނބާ ބޭނުން ކުރެވިދާނެކަމަށާއި ހަކުރު ކޮންޓްރޯލްނުވާނަމަ ޑޮކްޓަރަކާއި މަޝްވަރާކުރަންވާނެ ކަމަށްވެސް ޑރ ނުޞްރާ ލަފާދެއްވައެވެ.